ޚަބަރު

"ދާރުލްއާސާރުގައި 1500އަހަރަށްވުރެ ގިނަ ދުވަސްވީ އާސާރުތައް"


  • ދާރުލްއާސާރުގައި މިހާރުވެސް 7000އަށްވުރެ ގިނަ އާސާރުތައް އެބަހުރި

  • ދާރުލްއާސާރުގައި ޑިސްޕްލޭ ކުރެވިފައިވަނީ 600އެއްހާ އާސާރީ ތަކެތި

ރާއްޖޭގެ ގައުމީ ދާރުލްއާސާރުގައި 1500އަހަރަށްވުރެ ގިނަ ދުވަސްވީ އާސާރުތައް ހުރިކަމަށާއި، އޭގެތެރެއިން ޑިސްޕްލޭ ކޮށްފައިވަނީ މަދު އާސާރުތަކެއްކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޤައުމީ ދާރުލްއާސާރުގައި މިހާރުވެސް 7000އަށްވުރެ ގިނަ އާސާރުތައް ހުރިކަމަށެވެ. އެހެންނަމަވެސް މިވަގުތު ޑިސްޕްލޭ ކޮށްފައިހުރީ 600އެއްހާ އާސާރުތައްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އޭގެތެރޭގައި 1500އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އާސާރީތަކެތި ހުރިކަމަށެވެ.

ވަޒީރު ވިދާޅުވީ، ދާރުލްއާސާރުގައި ގިނަ އަދަދެއްގެ ތަކެތި ހުރިނަމަވެސް އާސާރުތައް ދަރަޖަކުރާ މިންގަނޑުތަކާއި، މިންކޮށް ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ގޮންޖެހުންތަކާއި ކުރިމަތިވާކަމަށެވެ. ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދާރުލްއާސާރު އިތުރަށް ތަރައްޤީކޮށް މަރާމާތު ކުރުމަށްޓަކައި ޗައިނާ ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

"7000އާސާރީ ތަކެތި ދާރުލްއާސާރުގައި ހުރި ނަމަވެސް މި އާސާރުތައް ދަރަޖަކުރާ މިންގަނޑުތަކާއި މިންކޮށް ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ގޮންޖެހުންތައްވެސް އެބަހުރި. އެހެންކަމުން ގައުމީ ދާރުލްއާސާރު ތަރައްޤީކުރުމަށްޓަކައި ނުވަތަ ދާރުލްއާސާރު މިހާރު ހުރި ވަރަށްވުރެ އިތުރަށް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ޗައިނާ ސަރުކާރާ ގުޅިގެން މިދަނީ މަސައްކަތްތަކެއް ކުރަމުން. އެކަމަށް ބޭނުންވާ ފަންޑިން ހަމަޖެހި އެކަން ވަރަށް އަވަހަށް ފެށިގެންދާނެ". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށްއައިއިރު ދާރުލްއާސާރުގައި ބޮޑު މަރާމާތެއް ކުރެވިފައިނުވާކަމަށެވެ. އޭގެ ސަބަބުން ދާރުލް އާސާރު މިހާރު ވަރަށް ބޮޑަށް މަރާމާތްކުރަން ޖެހިފައިވާކަމަށާއި، ދާރުލްއާސާރު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްވެސް ކުރަން ޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން ދާރުލް އާސާރުގެ ގޮތްޕެއްގެ ގޮތުގައި އިންޓްރަކްޓިވް އިމާސިވް މިއުޒިއަމް ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ހަޑިވެފައިހުރުމާއި ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މުންނާރަކީ ރާއްޖޭގެ އާސާރެއްގެ ގޮތުގައި މުޅި ދުނިޔެވެސް ބަލައިގަންނަ ތަނެއްކަމަށެވެ.

މުންނާރު މަރާމާތުކުރުމަށް އުވަ ޖެހުމުން، އެ އުވަ ހިކުމުގެ ކުރިން ވިއްސާރަވުން ފަދަ މޫސުމީ ގޮންޖެހުންތަކުގެ ސަބަބުން އެތަން ބެލެހެއްޓުމަށް ދަތިތަކެއް ކުރިމަތިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މުންނާރު ހަޑިވެ ހަލާކުވަމުންދާނަމަ، ގައުމީ ތަރިކަ ރައްކާކުރާ މަރުކަޒުން މުންނާރު މަރާމާތްކޮށް ބަލަހައްޓަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހުކުރު މިސްކިތުގެ މުންނާރަކީ ރާއްޖޭގެ ވަރަށް އާސާރިތަނެއް. މާލޭގެ ހުކުރު މިސްކިތުގެ މުންނާރަކީ ވަކި ގޮތަކަށް ވަކި މިންގަނޑުތަކަކަށް ބަލަހައްޓަމުންދާ ތަނެއް. މުންނާރު ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ކޮލިޓީގެ އުވަ ހޯދުން. މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައްވެސް ހުރޭ." ވަޒީރު ވިދާޅުވިއެވެ.

އިޤުތިސާދު ސިންތަފާތު ކުރުމާއި، ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ތެރެއިން ތަރިކައިގެ ފަތުރުވެރިކަން ކުރުމަށް އެ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.