ޖޫން 18 ވަނަ ދުވަހު، ވިލިމާލޭގައި ފެށި "މާލޭ ޓެކްސީލައިން"ގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ ޓެކްސީލައިނުގެ ޚިދުމަތާ ގުޅުންހުރި ތަފާސްހިސާބުތައް ހާމަކުރައްވާފައެވެ.
މީގެ ދޮޅުހަފްތާއެއްހާ ދުވަސްކުރިން ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި ފަށާފައިވާއިރު 528 މީހުން ވަނީ ވިލިމާލެއިން ޓެކްސީލައިންގެ ޚިދުމަތް ހޯދާފައެވެ. މީގެއިތުރުން، 22 ޖޫން އިން 28 ޖޫންއާއި ދެމެދު، މާލޭ ޓެކްސީލައިންގެ ޚިދުމަތް 6912 މީހުން ހޯދާފައިވާކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ. އޭގެތެރެއިން 3569 ދަތުރަކީ މާލެތެރޭގައި ކޮށްފައިވާ ދަތުރުތަކެވެ.
މި މުއްދަތުގައި، ވެބް ބުކިން މެދުވެރިކޮށް 6112 މީހުން އަދި ކޯލް ސެންޓަރ މެދުވެރިކޮށް 800 މީހުން ވަނީ ޚިދުމަތް ހޯދާފައެވެ. އަދި ކޯލްސެންޓަރުގެ ޚިދުމަތުގެ ރޭޓަށް ބަލާއިރު ބާރުބޮޑު ގަޑިތަކުގައި 5 ނުވަތަ 6 މިނިޓުތެރޭގައި ކަސްޓަމަރުންނަށް އިޖާބަދީފައިވާއިރު، ބާރުބޮޑު ނޫން ގަޑިތަކުގައި ކަސްޓަމަރުންގެ ކޯލްތަކަށް 3-4 މިނިޓު ތެރޭގައި އިޖާބާދެއެވެ.
"ބެންޗްމާރކްކުރާ ކަންކަން އެބަހުރި އަވަހަށް ކޯލަށް އެޓެންޑުވެ އަވަހަށް ޚިދުމަތްދިނުން. ހަމައެގޮތަށް ޓެކްސީ ޑްރައިވަރުންނަށް ވެސް ޚާއްސަ ތަމްރީންތައް އެބަދެވޭ." ވަޒީރު ސައީދު ވިދާޅުވިއެވެ.
2 ޖޫންއިން ފެށިގެން، "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަންގެ ޚިދުމަތް އެޕްސްޓޯރުން ލިބެން ހުރި އިރު 4 ޖޫން އިން ފެށިގެން، ގޫގުލް ޕްލޭ ސްޓޯރުން ވެސް އެ އެޕް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ. އެޕްގެ އިތުރުން، މާލެ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރު 1655 މެދުވެރިކޮށް ޓެކްސީލައިންގެ ޚިދުމަތް ލިބެއެވެ.
މީގެއިތުރުން، ޖުމްލަކޮށް މާލޭގެ ޓްރާންސްޕޯޓް މައްސަލައަށް ހައްލުހޯދާދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޕާކިން އާއި މަގުތަކުގެ މައްސަލަ ހިމެނޭހެން ދަތުރުފަތުރުގެ ދާއިރާއަށް ވަށާޖެހޭ ހައްލެއް ހޯދާދިނުމަށް، އިދާރާތަކުން ގުޅިގެން ޕްލޭނެއް އެކުލަވާލަމުން އަންނަކަމަށް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.
މާލޭ ޓެކްސީލައިންގެ ނަމުގައި މާލެ ސަރަހައްދަށް ޚާއްސަ ޓެކްސީ ޚިދުމަތެއް ފައްޓަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު، މާލޭ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ވަށާޖެހޭ ޙައްލެއް ހޯދާދިނުމުގެ މަޤްސަދުގައެވެ.