ޚަބަރު

ޖަޕާނާ ދެކޮޅަށް ފެނުނީ ބްރެޒިލްގެ އެންމެ މޮޅު ކުޅުން: އެންޗެލޯޓީ


  • ބްރެޒިލް މިމެޗު ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު އެއް ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ 32 ޓީމުގެ ބުރުގައި ޖަޕާނާއި ދެކޮޅަށް ފެނިގެންދިޔައީ ބްރެޒިލްގެ ފަރާތުން ފެނިގެންދިޔަ އެންމެ މޮޅު ކުޅުން ކަމުގައި އެޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.

ޖަޕާން މެޗަށްފަހު ވާހަކަ ދައްކަމުން އެންޗެލޯޓީ ބުނީ މިމެޗުގައި ފެނިގެންދިޔައީ މިހާތަނަށް ބްރެޒިލްގެ ފާރަތުން ފެނިގެންދިޔަ އެންމެ ފުރިހަމަ ކުޅުން ކަމަށެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ޖަޕާންގެ ޑިފެންސް ހަރަކާތްތެރިވަމުން ދިޔަލެއް ހަރުދަނާކަމުން އެޓީމަށް ގިނަ މައްސަލަ ތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި އަދި ބްރެޒިލްގެ ހުރިހާ ހަމަލާތަކެއް ޖަޕާނުން ދިޔައީ ހުއްޓުވަމުންނެވެ. އަދި އެޓީމަށް ދިމާވި މައްސަލަ ތަކަށް ހައްލު ލިބިގެންދިޔައީ ދެވަނަ ހާފުގަ ކަމަށް އެންޗެލޯޓީ ބުންޏެވެ.

މިމުބާރާތުގައި ކުރިން ކުޅުނު މެޗުތަކުގައި މިފަދަ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިނުވާކަމަށާއި ނަމަވެސް މިމެޗުގައި އެމައްސަލަ ތަކާއި ކުރިމަތިވުމާއެކު އެކަންކަން ވަގުތުން މެޗުގެ ތެރޭގައި ހައްލު ކުރެވުމުން އެޓީމަށް އައިސްފައިވާ ކުރިއެރުން ދައްކުވައިދޭ ކަމެކެވެ.

އެންެޗެލޯޓީ ބުނީ ބްރެޒިލް ޓީމުން ގިނަ ކަންތައްތަކެއް ރަނގަޅަށް ކުރަމުންދާ ކަމަށާއި ނަމަވެސް މިކަންތައްތަކާއި މެދު ހިތްހަމަ ޖައްސާލައިގެން ތިބެވެން ނެތް ކަމަށެވެ.

އޭނާ ބުނީ ޓީމު އިތުރަށް ހަރުދަނާކުރަން ބޭނުންނަމަ މިވަރުން ހިތްހަމަ ޖައްސާލެވެން ނޯންނާނެ ކަމަށެވެ. އަދި ހިތްހަމަ ޖައްސާލެވެން ނެތީ ޓީމު އިތުރަށް ހަރުދަނާކޮށް އިތުރު ހަރުފަތަކަށް ކުރިއަށް ޖައްސަން ބޭނުންވާތީ ކަމުގައިވެސް އޭނާ ބުންޏެވެ. އަދި ޖަޕާންގެ މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް މިހާރު މިއޮތީ ކުރިއަށް އޮތް މެޗާއި މެދު ވިސްނަން ޖެހިފަ ކަމަށެވެ.

އެންޗެލޯޓީ ބުނީ މިމެޗުގެ 60 ވަނަ މިނެޓާއި ހަމައަށް ބްރެޒިލް އަށް ލަނޑެއް ނުޖެހުނުނަމަ ނޭމާ ކުޅެން އަރުވަން އޭނާ ނިންމާފައިވި ކަމަށާއި އަދި މިކަން ނޭމާއަށްވެސް އެނގޭނެ ކަމަށެވެ. ނަމަވެސް އޭގެ ކުރިން ލަނޑެއް ޖެހުމުން ނޭމާ ނޭރުވީ ކަމަށާއި ހަމައެއާއެކު އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނު ނަމަވެސް ނޭމާ ފެނިގެންދިޔައީސް ކަމަށެވެ.

މިމެޗަށްފަހު ވާހަކަ ދައްކަމުން ޖަޕާންގެ ކޯޗު ހަޖީމޭ މޮރިޔާސޫ ބުނީ ޖަޕާނާއި ފުޓްބޯޅައިގެ ބޮޑެތި ބާރުތަކާއި ދެމެދު އޮތް ފަރަގު ކުޑަވަމުން އަންނަ ކަމަށެވެ.

އޭގެ މާނައަކީ ބްރެޒިލް ފަދަ ޤައުމުތަކުގެ ކުޅުން ދައްވަނީ ނޫން ކަމަށާއި އޭގެ ބަދަލުގައި ޖަޕާންގެ ކުޅުން ދުނިޔޭގެ އެންމެ މަތީ ފެންވަރާއި އަރާ ހަމަކުރަނީ ކަމަށެވެ. ނަމަވެސް މިމެޗުގެ ނަތީޖާ ނިކުން ގޮތުން ވަރަށް ބޮޑަށް އަސަރު ކުރި ކަމަށާއި ދެޓީމުގެ މެދުގައި އަދިވެސް ކޮންމެވެސް ވަރެއްގެ ފަރަގެއް ހުރިކަމަށް ޖަޕާންގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ މިމެޗުގައި ޖަޕާނުންވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފަ ކަމަށާއި ކުރީގައިނަމަ މިކަހަލަ ހާލަތްތަކުގައި އެޓީމުގެ އަތުން ވަރަށް އަވަހަށް ބޯޅަ ގެއްލިގެންދާނެކަމަށެވެ. މޮރިޔާސޫ ބުނީ މިފެންވަރުގެ މެޗުތައް ކާމިޔާބު ކުރަން ބޭނުންނަމަ އެޓީމުގެ ޑިފެންސް ކުރުމާއި ހަމަލާދިނުން އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.