ޚަބަރު

ރާއްޖެ ޖޫނިއާސް ނެޓްބޯލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި


  • މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސްގެ އަނބިކަނބަލުން

  • މިމުބާރާތުގެ ދެ އުމުރުފުރާގެވެސް ޗެންޕިއަންކަން ހޯދީ ޖީއައިއެސް

  • މިމުބާރާތުގައި މާލޭގެ ގިނަ އަދަދެއްގެ ސްކޫލުތަކުން ވާދަކުރި

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެކަމަނާވަނީ، މުބާރާތުގެ 17 އަހަރުން ދަށުގެ ފައިނަލް މެޗު ބައްލަވާލައްވާ، މުބާރާތުގެ ޗެންޕިއަން ޓީމުތަކަށް ތައްޓާއި މެޑަލް ޙަވާލުކޮށްދެއްވާފައެވެ.

މިމަހުގެ 17 ވަނަ ދުވަހު ފެށި މިމުބާރާތުގައި މާލޭގެ ގިނަ އަދަދެއްގެ ސްކޫލުތަކުން ވާދަކޮށްފަވާއިރު، މުބާރާތުން ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކެއް ވަނީ ފާހަގަވެގެން ގޮސްފައެވެ. މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ، 15 އަހަރުން ދަށާއި 17 އަހަރުންދަށުގެ އުމުރުފުރާގެ ޓީމުތަކަށް ޚާއްސަ ކޮށްގެންނެވެ.

ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕުގެ 15 އަހަރުން ދަށުގެ ޗެންޕިއަންކަން ހޯދީ، 18-14 އިން ހިރިޔާ ސްކޫލް ބަލިކޮށް، މުބާރާތުގެ އެންމެފަހުގެ ޗެންޕިއަނުން ކަމަށްވާ ޣިޔާޘުއްދީން އިންޓަރ ސްކޫލެވެ. އަދި 17 އަހަރުން ދަށުގެ ޗެންޕިއަންކަންވެސް ޖީއައިއެސް ހޯދާފައިވާއިރު، އެޓީމުވަނީ 46-27 ގެ ބޮޑު ފަރަގަކުން ހުރަވީ ސްކޫލު ބަލިކޮށްފައެވެ.

ރާއްޖެ ޖޫނިއާސް ނެޓްބޯލް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މިމުބާރާތަށް ސްކޫލުތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.