ޚަބަރު

މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ހުޅުވައިދެއްވައިފި


  • 2 ބެޑްމިންޓަން ކޯޓާއި 2 ވޮލީ ކޯޓު ހުންނާނެ

  • އޮފީސް ރޫމެއްގެ އިތުރުން އިންޑޯ ޖިމްއެއް ވަނީ ތަރައްޤީކޮށްފައި

މ. މުލަކުގައި ތަރައްޤީކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ހުޅުވައިދެއްވައިފިއެވެ.

މިކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެތަން ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ ޢަލީގެ އިތުރުން އެރަށު ކައުންސިލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ، 2008 ވަނަ އަހަރު ބިންގާ އަޅާފައިވާ ތަނެކެވެ. އެހެންނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ވަނީ ގޮސްފައެވެ. އެކިފަހަރުމަތިން އެ މަސައްކަތް އެކި ފަރާތްތަކާއި ޙަވާލުކޮށް އެކަމުގެ އަމަލީ މަސައްކަތް ވަނީ ނުފެށިފައެވެ. މި މަސައްކަތަކީ އެރަށުގެ ޒުވާނުންނާއި ރައްޔިތުން ވަރަށް ބޮޑަށް އެދި އެދި ހުރި ކަމެކެވެ.

ނުނިމި ދިގުލައިގެން ގޮސްފައިވާ މުލަކުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ވީއެންމެ އަވަހަކަށް ނިންމައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ މަސައްކަތް އާރުޑީސީއާއި ޙަވާލުކޮށް މިހާރު ވަނީ ތަނުގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ.

މ. މުލަކުގައި ތަރައްޤީ ކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ގާލެން ބިލިއާރޑް، ޓޭބަލް ޓެނިސް އަދި ކެރަމް ކުޅެވޭނެއެވެ. މިތަނުގައި 2 ބެޑްމިންޓަން ކޯޓާއި، 2 ވޮލީ ކޯޓާއި، ފާހާނާއާއި އޮފީސް ރޫމެއްގެ އިތުރުން އިންޑޯ ޖިމެއް ވަނީ ތަރައްޤީ ކޮށްފައެވެ.