ޚަބަރު

އޮސްޓްރޭލިއާ ދެވަނަ ބުރުން ޖާގަހޯދުން އެއީ ބޯޑު ކާމިޔާބީއެއް: އޮސްޓްރޭލިއާ ކޯޗު


  • އޮސްޓްރޭލިއާ އާއި ޕެރަގުއާއީ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދުމަކީ އޮސްޓްރޭލިއާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި އެޓީމުގެ ކޯޗު ޓޯނީ ޕޮޕޮވިޗް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ގްރޫޕް ޑީގެ އެންމެ ފަހު މެޗުގައި ޕެރަގުއާއީ އާއި ބައްދަލުކޮށް އެއްވަރުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. މިމެޗުގެ ނަތީޖާ އާއެކު އޮސްޓްރޭލިއާ ގްރޫޕް މަރްހަލާ ނިންމާލީ ދެވަނަ ޓީމުގެ ގޮތުގައެވެ. އެހެން ކަމުން އެޓީމު މިވަނީ 32 ޓީމުގެ ބުރަށް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދަތުރު ކޮށްފައެވެ. ޕޮޕޮވިޗް ބުނީ މިއީ ވަރަށް ފުރިހަމަ ކާމިޔާބީ އެއް ކަމަށެވެ. އަދި އޮސްޓްރޭލިއާ އެފް އޭ އާއި ކުޅުންތެރިންނާއި ސްޓާފުންގެ އިތުރުން ކުޅިބެލުންތެރިންނާއި އެޤައުމުގެ ރައްޔިތުންނަށްވެސް މިއީ ހާއްސަ ދުވަހެއް ކަމަށެވެ.

މިމުބާރާތުގައި މިހާރުވެސް ފާހަގަ ކޮށްލެވޭ ބައެއް ބޮޑެތި ޓީމުތައް ގްރޫޕް މަރުހަލާއަށްފަހު މުބާރާތަށް އަލްވަދާއު ކިޔާފައިވާކަމަށާއި މިއީ ވޯލްޑް ކަޕް ކަމުން މިކަން ހާސިލް ކުރަން އެހާ ފަސޭހަ ނޫން ކަން އޭނާ ފާހަގަ ކުރިއެވެ.

ޕޮޕޮވިޗް ބުނީ އެކި ޓީމުތަކުން ކުޅެނީ އެކިގޮތް ގޮތަށް ކަމަށާއި އަދި ޖެހިޖެހިގެން ދެވަނަ ވޯލްޑް ކަޕްގައި ދެވަނަ ބުރުން ޖާގަ ހޯދުމުން އުފާކުރާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ޕެރަގުއާއީ މެޗުގައި އެޓީމުން ކުޅުނީ އެއްވަރު ކުރަން ނޫން ކަމަށާއި މިމެޗުގައި އެޓީމުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ހޯދި ކަމަށެވެ. އަދި އިދިކޮޅު ޓީމަށް ލިބިގެންދިޔައީ ނިމެން ގާތް ވެފައިވަނިކޮށް ލިބިގެންދިޔަ ފުރުސަތު އެކަނި ކަމަށެވެ.

މިމެޗަށްފަހު ވާހަކަ ދައްކަމުން ޕެރަގުއާއީގެ ކޯޗު ގުސްޓާވޯ އަލްފާރޯވަނީ ޕިޗް ސައިޑްގައި ކުޅުންތެރިންގެ ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހޭކަން ހާމަކޮށްފައެވެ. މިގޮތުން ދަނޑު ވަށައިގެން ޖަހާފައި ހުންނަ އިޝްތިހާރު ބޯޑުތައް ތަންކޮޅެއް ދުރަށް ޖައްސަން ވިސްނަން ޖެހޭކަމުގައި އޭނާ ބުންނެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ މެޗު ތެރޭގައި އެޓީމުގެ ކުރިއަށް ކުޅޭ ހޫލިއޯ އެންސީސޯ ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި އޮސްޓްރޭލިއާ ގޯލް ކައިރީ ބިތްދަށުގައި ހުރި އިޝްތިހާރު ބޯޑުތަކަށް ކޮންޓްރޯލް ނުވެގެން ގޮސް ޖެހުމުންނެވެ. މިހާދިސާގައި އެންސީސޯއަށް އަނިޔާވި ނަމަވެސް އޭނާ ވަނީ މެޗު ފުރިހަމަ ކޮށްފައެވެ.

އަލްފާރޯ ބުނީ މިހާރުގެ ފުޓްބޯޅައަކީ ވަރަށް ހަލުވި ކޮށްކުޅޭ އެއްޗެއް ކަމުން ބޯޅަ ހޯދަން ކުރާ މަސައްކަތުގައި އިދިކޮޅު ކުޅުންތެރިޔާ ކިރިޔާ ޖެހިލިއަސް ކުޅުންތެރިޔާގެ ކޮންޓްރޯލް ގެއްލުން އޮންނަނީ ކައިރިކަމަކަށް ވެފައެވެ. އަދި އެފަދަ ކަމެއް ހިނގާއިރު އެބޯޑުތައް އެހާ ކައިރީގައި ހުރުމުން ކުޅުންތެރިޔާއަށް ބޮޑު އަނިޔާއެއް ވެދާނެތީ އެކަމާއި މެދު ވިސްނަން ޖެހޭކަމުގައި އޭނާ ހާމަކުރިއެވެ.