ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރި ނަމަވެސް ކުރިއަށް އޮތް މެޗުގައި މޮރޮކޯގެ ފަރާތުން ކުރިމަތިލާން ޖެހިދާނެ ނުރައްކަލަކަށް ވިސްނަން ޖެހޭ ކަމަށް ނެދަލަންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.
ކޫމަން މިހެން ބުނެފައިވަނީ ގްރޫޕް އެފްގެ އެންމެ ފަހު މެޗުގައި ޓިއުނީޝިއާ އާއި ބައްދަލުކޮށް 3 ލަނޑު އެއް ލަނޑުން މޮޅުވި މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ގްރޫޕް އެފްގެ އެއްވަނަ މަގާމް ލިބުމާއެކު ނެދަލަންޑްސް އިން 32 ޓީމުގެ ބުރުގައި ކުރިމަތިލާން ޖެހެނީ ގްރޫޕް ސީގެ ދެވަނަ ޓީމު ކަމުގައިވާ މޮރޮކޯ އާކަން މިހާރުވަނީ ކަށަވަރު ވެގެން ގޮސްފައެވެ. ކޫމަން ބުނީ ފުރަތަމަ ކަމަކަށް ދެން ކުޅޭ މެޗު މެކްސިކޯގެ މޮންޓެރޭގައި ކުޅުމުގެ ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށާއި މެކްސިކޯއަކީ ފުޓްބޯޅައަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމެއް ކަމަށެވެ. އަދި އެއަށްފަހު ބުނީ މޮރޮކޯ އަކީ ވަރުގަދަ ޓީމެއް ކަމަށެވެ.
އަދި މިމެޗުގައި ފޭވަރިޓުންނަށް ވެގެންދާނީ ކޮންޓީމެއްކަމެއް ބުނަންވެސް ނޭނގޭކަމަށެވެ. އެމެޗުން މޮޅުވެއްޖެނަމަ ދެން ކުރިމަތިލާންޖެހޭ ނުރައްކާ އެއަށް ވުރެ ބޮޑުވާނެކަންވެސް އެނގޭ ކަމަށާއި ނަމަވެސް މިވަގުތު ހުރިހާވެސް ވިސްނުމެއް އޮތީ މޮރޮކޯ މެޗަށް ކަމަށެވެ. އެޓީމަކީ ފާހަގަ ކޮށްލެވޭ މޮޅެތި ގިނަ ކުޅުންތެރިން ތަކެއް ހިމެނޭ ޓީމެއް ކަމަށެވެ. މީގެއިތުރުން ކޫމަންވަނީ ކުރިއަށް އޮތް މެޗަށް ތައްޔާރު ވުމުގައި ފަރިތަކުރުންތައް ގެންގުޅޭނެ ގޮތްތައް ކޮންމެވެސް ވަރަކަށް ނޫސްވެރިންނާއި ހިއްސާ ކޮށްފައެވެ.
މިމެޗަށްފަހު ވާހަކަ ދައްކަމުން ޓިއުނީޝިއާގެ ކޯޗު ކަމާއި މުބާރާތް ތެރޭގައި ހަވާލުވި ހާވީ ރެނާޑް ބުނީ މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރެވޭ ފެންވަރު އޭނާގެ ކުޅުންތެރިންގެ ކިބައިގާ ނެތް ކަމަށެވެ. މިމުބާރާތަކީ ވަރުގަދަ ގިނަ ޓީމުތަކެއް ހިމެނޭ ބޮޑު މުބާރާތެއް ކަމަށާއި ހާއްސަކޮށް ޓިއުނީޝިއާ ލައްވާލި ގްރޫޕްވެސް ހިމެނެނީ އެހާމެ ވަރުގަދަ ޓީމުތައް ކަމަށެވެ. މިހާރު ޓިއުނިޝިއާގެ އެފް އޭއަށް ޖެހޭނީ ހަމަޖެހިގެން ތިބެ މިމުބާރާތުގެ ކަންތައްތައް ދިރާސާ ކުރަން ކަމަށާއި މިކަމަށް ކޮންމެ ހެން އަވަސް އަރުވާލާކަށް ނުޖެހޭ ކަމަށެވެ. އެއީ އަވަސް އަރުވާލައިގެން ނިންމާ ނިންމުން ގިނަ ފަހަރަށް ގޯސްވެގެންދާތީވެއެވެ. މިފަހަރުގެ މުބާރާތް ޓިއުނީޝިއާ ނިންމާލީ ކުޅުނު ތިން މެޗުންވެސް ބަލިވެ ޕޮއިންޓެއް ނިލިބި ގްރޫޕް އެފްގެ އެންމެ ފުލުގައި އޮވެގެންނެވެ.