ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ޗެކިއާ އާއި ބައްދަލުކުރި މެޗުގައި މެކްސިކޯގެ ކުޅުންތެރިންގެ ފަރާުން ފެނިގެންދިޔަ މޮޅު ކުޅުމަށް އެޓީމުގެ ކޯޗު ހާވިއޭ އެގުއެރޭ ތައުރީފް ކޮށްފިއެވެ.
ޗެކިޔާ އާއި ބައްދަލުކުރި މެޗު 3 ލަނޑު ސުން ލަނޑުން ކާމިޔާބު ކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން މެކްސިކޯގެ ކޯޗު ބުނީ މެޗުގެ ފުރަތަމަ ވަގުތު ކޮޅު ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުން ފާޅު ކުރަން ފެށުމާއެކު ކުޅުންތެރިން އެކުޅުންތެރިންގެ ކުޅުން ރަނގަޅުކުރި ގޮތަށް ތައުރީފް ހައްގު ކަމަށެވެ.
މިމެޗުގައި ފުރަތަމަ ދެމެޗަށްވުރެ ރަނގަޅަށް އޭގެ ފަހުން މެކްސިކޯ ޓީމު ކުޅުނު ކަމަށްވެސް އެގުއެރޭ ބުންޏެވެ. އެގުއެރޭ ބުނީ އެޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ލުއިސް އެންޖެލް މަލަގޯން އާއި މާސެލް ރުއިޒް އަށް އަނިޔާވުމުން ޓީމަށް އަސަރު ކުރި ކަމަށެވެ.
މެކްސިކޯ ޓީމުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރަމުން އެގުއެރޭ ބުނީ މިއީ ހުރިހާ ފަރާތްތަކަށް ވަރަށް ރަނގަޅު ހިތްހަމަ ޖެހޭ ނަތީޖާއެއް ކަމަށެވެ. މިމެޗުގައި މެކްސިކޯގެ ތަޖުރިބާ ކާރު ކީޕަރ ގިޔެރުމޯ އޮޗޯއާ ފަހު ހާފުގައި ކުޅެއް އެރުވުމާއި ގުޅޭގޮތުން އެގުއެރޭ ބުނީ އޭނާ އޮޗޯއާ އަރުވަން ނިންމީ ކުއްލި އަކަަށް ކަމަށާއި އަދި އޮޗޯއާއަށް މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ދޭން އޭނާ ބޭނުންވީ ކަމަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޗެކިއާގެ ކޯޗު މިރޮސްލާވް ކޫބެކް ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިންވަނީ މެކްސިކޯއަށް ފަސޭހަ ކޮށްދީފަކަމަށެވެ. ހާއްސަކޮށް ޗެކިއާގެ ކުޅުންތެރިންގެ ފަރާތުން ދެވަނަ ހާފުގައި ފެނިގެންދިޔައީ އެންމެ ރަނގަޅު ކުޅުން ނޫން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މިގޮތުން މިހާފުގައި ތާކުން ތާކު ނުޖެހޭ ގޯސް ހެދިފައިވާ ކަމަށް ކޫބެކް ބުންނެވެ. އަދި އެކަމުގެ ފައިދާ މެކްސިކޯއން ފުރިހަމައަށް ނެގި ކަމަށްވެސް ޗެކިއާގެ ކޯޗު ފާހަގަ ކުރިއެވެ.