ބޮޑެތި ޓީމްތަކާއި ދެކޮޅަށް ކުޅެން ކެނެޑާއިން ވަރަށް އަވަހަށް ދަސްކުރަން ޖެހޭކަމަށް އެޓީމުގެ ކޯޗު ޖެސީ މާޝް ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ސްވިޓްޒަލަންޑާއި ބައްދަލުކުރި މެޗުން 2 ލަނޑު އެއް ލަނޑުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ސްވިޓްޒަލަންޑާއި ބައްދަލުކުރިމެޗު އެއްވަރު ކޮށްލައިގެންވެސް ކެނެޑާއަށް ގްރޫޕް ބީގެ އެއްވަނަ މަގާމް ލިބެން އޮތެވެ.
ނަމަވެސް މިމެޗުން ބަލިވުމުން އަމިއްލަ ޤައުމުގައި 32 ޓީމުގެ ބުރުގައި އެޓީމު ކުޅޭ މެޗު ކުޅުމުގެ ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. މާޝް ބުނީ ސްވިޓްޒަލަންޑަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި އެޓީމުގެ ތަޖްރިބާވެސް ބޮޑު ކަމަށެވެ. އަދި މިކަން މިމެޗުގައި ސްވިޓްޒަލަންޑްގެ ފަރާތުން ފެނިގެންދިޔަ ކަމަށްވެސް މާޝް ބުންޏެވެ.
ކެނެޑާގެ ކޯޗު ބުނީ މިފަދަ ޓީމު ތަކާއި ދެކޮޅަށް ކުޅެން ކެނެޑާއިން ދަސްކުރަން ޖެހޭ ކަމަށެވެ. އަދި މިކަން ވަރަށް އަވަހަށް ކުރަން ޖެހޭ ކަމަށާއި އެއީ އެޓީމު މިހާރު މިވަނީ ނޮކް އައުޓް ބުރަށް ދަތުރު ކޮށްފައި ކަމަށެވެ.
މާޝް ބުނީ އެޓީމުން ބޭނުންވީ ދެން ކުޅޭ މެޗުވެސް ކެނެޑާގައި ކުޅުމަށް ކަމަށާއި ނަމަވެސް ދެވަނަ ބުރުން ޖާގަ ލިބިގެންދިއުން މިއީ އޭނާގެ ކުޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެފުރުސަތު ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިކަން ކުރަން ޖެހިފައިމިވަނީ ލޮސް އެންޖަލިސް އިން ކަމަށްވެސް އޭނާ ހާމަކުރިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސްވިޓްޒަލަންޑްގެ ކޯޗު މުރާތު ޔާކިން ބުނީ މިމެޗު ކާމިޔާބު ކުރެވުމުން ޓީމަށް އިތުރު ހިތްވަރު ލިބިގެން ދާނެކަމަށެވެ. އަދި ގްރޫޕް އެއްވަނަ އަކީ އެޓީމުން ގްރޫޕް މަރްހަލާ ނިންމާލަށް ބޭނުންވި ގޮތް ކަމަށެވެ.
މިކާމިޔާބީއާއެކު އެޓީމަށް ދެން ކުޅޭ މެޗުގެ ކުރިން ދުވަސް ކޮޅެއް ހުސްކޮށް ލިބިގެންދާނެކަމަށާއި އަދި މިއާއެކު އެޓީމުން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރާނެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ސްވިޓްޒަލަންޑްގެ ކޯޗު ހާމަކުރިއެވެ.