ޚަބަރު

ރާއްޖެ ޖޫނިއަރ ވޮލީބޯލް ޗެންޕިއަންޝިޕުގައި ބައިވެރިވުމަށް ހުޅުވާލައިފި


  • ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ އެއްވަނަ ދުވަސް

  • މުބާރާތުގައި ވާދަކުރެވޭނީ 14، 16 އަދި 19 އަހަރުންދަށުގެ ކުދިންނަށް

  • މިއީ ހަމައެކަނި ސްކޫލު ކުދިންނަށް ޚާއްޞަ މުބާރާތެއް

ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ބާއްވާ ރާއްޖެ ޖޫނިއަރ ވޮލީބޯލް ޗެންޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމު ކޮށްގެން ބާއްވާ މިމުބާރާތް ކުރިއަށްދާނީ 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރާތަކުން ވާދަކުރާ ގޮތަށެވެ. މި ތިން އުމުރުގެވެސް އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތައް އޮންނާނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަންނަމަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑު 11 ޖެހުމާ ހަމައަށް ހުޅުވާލާފައިވާއިރު، ޓީމު ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚެއްކަމުގައި ކަނޑައަޅާފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ރޭ 11:00 އެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލިކަން އިއުލާންކޮށް ވީއޭއެމްއިން ގެޒެޓް ކޮށްފައިވާއިރު، ވީއޭއެމްގެ އިއުލާންގައިވާގޮތުން މިމުބާރާތް ކުޅޭނީ ބައިނަލްއަޤުވާމީ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ)އިން ނެރެފައިވާ އެންމެ ފަހުގެ ވޮލީބޯޅައިގެ ޤަވާއިދަށެވެ.

މުބާރާތުގެ ވާދަކުރާ އުމުރުފުރާތައް ކަނޑައަޅާފައިވާގޮތުގެ ޤަވާއިދަށް ބަލާއިރު 14 އަހަރުންދަށުގެ އުމުރުފުރާގައި ބައިވެރިވެވޭނީ، މިއަހަރުގެ ޑިސެމްބަރ 31ގެ ނިޔަލަށް 15 އަހަރު ނުފުރޭ ދަރިވަރުންނަށެވެ. އަދި 16 އަހަރުންދަށުގެ އުމުރުފުރާގައި ބައިވެރިވެވޭނީ، މިއަހަރުގެ ޑިސެމްބަރ 31ގެ ނިޔަލަށް 17 އަހަރު ނުފުރޭ ދަރިވަރުންނަށެވެ. 19 އަހަރުންދަށުގެ އުމުރުފުރާގައި ވާދަކުރެވޭނީ މިއަހަރުގެ ޑިސެމްބަރ 31ގެ ނިޔަލަށް 20 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.

ވީއޭއެމްގެ އިއުލާންގައިވާގޮތުން ރާއްޖެ ޖޫނިއާ ވޮލީބޯލް ޗެންޕިއަންޝިޕުގައި ވާދަކުރާ ޓީމުތަކުގައި ހިމެނޭނީ މަދުވެގެން 8 ކުޅުންތެރިން ހިމަނަންޖެހެއެވެ. އަދި ޓީމެއްގައި ގިނަވެގެން ހިމެނޭނީ 14 ކުޅުންތެރިންނާއި 5 އޮފިޝަލުންނެވެ. އަދި ޓީމެއްގައި 12 ކުޅުންތެރިންނަށްވުރެ އިތުރުވާނަމަ 2 ކުޅުންތެރިން ލިބަރޯ ކުޅުންތެރިންގެ ގޮތުގައި ހިމަނަންޖެހެއެވެ. މީގެ އިތުރުން އަންހެން ޓީމުތަކުގެ އޮފިޝަލުންގެ ގޮތުގައި މަދުވެގެން އެއް އަންހެން އޮފިޝަލަކު ހިމެނުމަށް ރާއްޖެ ޖޫނިއާ ވޮލީބޯލް ޗެންޕިއަންޝިޕުގެ ގަވާއިދުގައިވަނީ ލާޒިމްކޮށްފައެވެ.

މިމުބާރާތް ބާއްވަނީ ރާއްޖެ އަށް ޒޯނަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅުގެ ސްކޫލްތަކެވެ. ޒޯން ދޭއްގައި ހިމެނެނީ ނ، ރ، ބ އަދި ޅ. އަތޮޅުގެ ސްކޫލްތަކެވެ. ޒޯން ތިނެއްގައި ހިމެނެނީ ކ، އއ، އދ އަދި ވ. އަތޮޅުގެ ސްކޫލްތަކެވެ. ޒޯން ހަތަރެއްގައި މ، ފ އަދި ދ. އަތޮޅުގެ ސްކޫލްތައް ހިމެނޭއިރު، ޒޯން ފަހެއްގައި ހިމެނެނީ ތ، އަދި ލ. އަތޮޅުގެ ސްކޫލްތަކެވެ. ޒޯން ހައެއްގައި ގްރޭޓަރ މާލޭ އޭރިއާގެ ސްކޫލްތަކުން ވާދަކުރާއިރު، ޒޯން ހަތެއްގައި ހިމެނެނީ ގއ. އަދި ގދ. އަތޮޅުގެ ސްކޫލްތަކެވެ. އަދި ޒޯން އަށެއްގައި ހިމެނެނީ ޏ. އަދި ސ. އަތޮޅުގެ ސްކޫލްތަކެވެ.