ޚަބަރު

ޓީސީ ބަލިކޮށް ގައްދޫ ދިވެހި ޕްރެމިއަރ ލީގަށް


  • ގައްދޫ މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިން

  • ކުޅުނު 4 މެޗުން ވަނީ 6 ޕޮއިންޓު ލިބިފައި

ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، 2026/27 ގެ ދިވެހި ޕްރެމިއަރ ލީގު ސީޒަންގެ އެންމެ ފަހު ޖާގަ، ގދ.ގައްދޫއިން ހޯދާފައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން ގައްދޫ މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

ގިނަ ބަޔަކު ހީކުރު ގޮތާއި ޚިލާފަށް މި މެޗުގައި ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި، ހަމަހަމަ ކުޅުމެކެވެ. މި މެޗަށް ނުކުތް އިރު، އޭގެ ކުރީ މެޗުގައި ބިސްބުރާ ދެކޮޅަށް ދެއްކި ކުޅުމާ އަޅާނަލާއިރު އެޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާކަން ފާހަގަކުރެވުނެވެ.

މި މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީވެސް ގައްދޫއިންނެވެ. އެއާ ހިލާފަށް ޓީސީއަށް މުޅި މެޗުގައިވެސް އުފެއްދިފައިވަނީ ނުރައްކާތެރި ދެތިން ހަމަލާއެކެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު، ލިބުނު ކޯނަރަކުން 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ބިދޭސީ ކުޅުންތެރިޔާ ޑޮނާލިއޯއެވެ.

މި ނަތީޖާއާއެކު ގައްދޫ ކުޅުނު 4 މެޗުން 6 ޕޮއިންޓު ލިބި، މިވަނީ ކޮލިފިކޭޝަންގެ ހަތަރުވަނަ ޓީމުގެ ގޮތުގައި ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވެފައެވެ.

ހުރިހާ ޓީމަކުންވެސް މިހާރު 4 މެޗު ކުޅެފައިވާއިރު، ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު އޮތީ ބިސްބުރެވެ. ދެވަނަ އަދި ތިންވަނައިގައި ޓީސީ އާއި ދިއްދޫ އޮތީ 7 ޕޮއިންޓާއެކުއެވެ. ޓީސީއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ކޮލިފިކޭޝަންގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ. މި މެޗުތައް ކުޅޭނީ މިހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ.