ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ބައްޕައިންގެ ދުވަސް ފާހަގަކުރުމަށެވެ.
ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ބައްޕައިންގެ ދުވަސް" ފާހަގަކުރަނީ، އާއިލާތަކާއި މުޖުތަމައުގައި ބައްޕައިން އަދާކުރާ އަގުނުކުރެވޭފަދަ މުހިންމު ދައުރު ފާހަގަކުރުމުގެ ގޮތުންނެވެ. މިއީ ހަމައެކަނި ހަދިޔާ ބަދަލުކުރުމާއި ތަހުނިޔާ ކިޔުމަށްވުރެ ބޮޑަށް، މުޅި އުމުރުދުވަހު ބައްޕައިން ދެމުންގެންދާ ލޯތްބާއި، ވަމުންދާ ގުރުބާނީތަކާއި، ދައްކައިދޭ އިރުޝާދާއި، އަދި ދޭ އެހީތެރިކަމަށްޓަކައި ޝުކުރުވެރިވުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
ދަރިންގެ ނަފްސާނީ، އިޖުތިމާއީ އަދި ޒާތީ ކުރިއެރުމުގައި ބައްޕައިންގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ ބޮޑު ހިއްސާއެއް ލިބެއެވެ. ބައްޕައިންނަކީ ދަރިންނަށް މަގުދައްކައިދޭ މުރުޝިދުންނެވެ. ހިމާޔަތްތެރިންނެވެ. މުދައްރިސުންނެވެ. އަދި ނަމޫނާ ޝަހުސިއްޔަތުތަކެވެ. ބައްޕައިންގެ އަމަލުތަކާއި އިސްކަންދޭ އުސޫލުތަކުގެ ތެރެއިން، އަންނަން އޮތް ޖީލުގެ އަޚްލާގާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، އަދި ކުރިމަގު ބައްޓަންކުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް މަދުންނަމަވެސް ބައެއް ބައްޕައިންގެ ފަރާތުން ދަރިންނަށް އަޅާނުލުމާއި ޚަރަދު ނުކުރުމުގެ މައްސަލަތައް މި ކުޑަ މުޖްތަމައުން ދަނީ ފެންނަމުންނެއެވެ. ދެމަފިރިން ވަކިވިނަމަވެސް ދަރިންގެ ޒިންމާއިން މަންމައާއި ބައްޕަވެސް ވަކި ނުވެވޭނެކަން ދެމީހުންވެސް ހަނދާން ކުރަންޖެހެއެވެ.
ބައްޕައެއްގެ ނުފޫޒަކީ ހަމައެކަނި އާއިލާގެ މާއްދީ ބޭނުންތައް ފުއްދައިދިނުމަށްވުރެ މާ ފުޅާ ދާއިރާއަކަށް ފެތުރިފައިވާ ކަމެކެވެ. މަންމައެއްގެ އިތުރުން ބައްޕަގެ ހިތްވަރުދިނުމުން ދަރިންގެ ކިބައިގައި ކަންކަން ހާސިލުކުރުމުގެ އަޒުމް ވަރުގަދަވެއެވެ.
ބައްޕަގެ ހިކުމަތްތެރިކަމުން މުހިންމު ނިންމުންތައް ނިންމުމަށް މަގުފަހިވެއެވެ. އަދި ދަތި އުނދަގޫ ވަގުތުތަކުގައި ބައްޕަ ހުރުމަކީ ދަރިންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ދުވަހުން ދުވަހަށް ކުރާ ކުދިކުދި އޯގާތެރި އަމަލުތަކުން ފެށިގެން މުޅި އުމުރަށްޓަކައި ވާ ގުރުބާނީތަކަކީ ދަރިންގެ ދިރިއުޅުމުގައި ދުވަހަކުވެސް ފިލައިގެން ނުދާނެ ފުން އަސަރުތަކެކެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ބަފައިންގެ ދުވަސް ފާހަގަކުރެއެވެ. ނަމަވެސް، އެކި ޤައުމުތަކުގައި މިދުވަސް ފާހަގަކުރާ ތާރީޚުތަކާއި އާދަކާދަތައް ތަފާތެވެ.
އާއިލާތަކުން މިދުވަސް ފާހަގަކުރުމުގައި ބަފައިންނާއެކު އުފާވެރި ވަގުތުތައް ހޭދަކުރުމާއި، އެކުގައި ކެއުންތަކުގައި ބައިވެރިވުމާއި، ހަދިޔާ ބަދަލުކުރުމުގެ އިތުރުން، އިޚްލާޞްތެރި ޝުޢޫރުތައް ފާޅުކުރުން ފަދަ ކަންކަން ހިމެނެއެވެ. މި ދުވަހުގެ އުފަލުގައި ކާފަބަފައިންނާއި، ދޮންބައްޕައިންނާއި، ބެލެނިވެރިންގެ އިތުރުން، ކުދިންނާއި ޒުވާނުންގެ ހަޔާތަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ބަފައިންގެ މަޤާމުގައި ތިއްބެވި ހުރިހާ ފަރާތްތަކެއްގެ އަގު ވަޒަންކުރެވެއެވެ.
ބައްޕައިންގެ ލޯތްބާއި ޤުރުބާނީއަށްޓަކައި ޝުކުރު އަދާކުރުމަށް ވަގުތު ހުސްކުރުމަކީ، އާއިލީ ގުޅުންތައް ބަދަހިވެ، މުޖުތަމަޢުގައި އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރެވިގެންދާނެ ކަމެކެވެ. ދުނިޔެ ދޫކޮށްފައިވާ ބަފައިންގެ މަތިން ހަނދާންކުރުމުގައިވެސް މި ދުވަސް މުހިންމު ދައުރެއް އަދާކުރެއެވެ. އެބޭފުޅުންގެ ފަރާތުން ލިބިފައިވާ ފޮނި ހަނދާންތަކާއި، ދަސްކޮށްދެއްވާފައިވާ އަގުހުރި ފިލާވަޅުތައް އާކޮށް، އެބޭފުޅުންގެ ޒިކުރާ އާކުރުމުގެ ފުރުޞަތު މިދުވަހުން ފަހިކޮށްދެއެވެ.
ދުނިޔޭގެ ބައްޕައިންގެ ދުވަހަކީ ލޯތްބާއި، ޒިންމާދާރުކަމާއި، އާއިލީ ގުޅުމުގެ މަތިވެރި ރަމްޒެކެވެ. މިއީ ބައްޕައިން އަޅުގަނޑުމެންގެ ދިރިއުޅުން އުޖާލާކޮށް، ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް ކޮށްދެއްވާ މިންނެތް މަސައްކަތްތައް ފާހަގަކުރާ ދުވަހެވެ.