ޚަބަރު

ޖަލުތަކުގެ މައްސަލަ ޙައްލުކުރަން ގިނަ މަސައްކަތްތަކެއް، ނަތީޖާ ރަނގަޅު


  • ޖާގައިތުރުކޮށް އިތުރު އޮފިސަރުން ދަނީ ތަމްރީންކުރަމުން

  • ޖަލުތަކުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް

ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަން ފަށާފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން އަންނަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި ޖަލުތަކުގެ ޖާގަ އިތުރުކުރުމާއި، އިތުރު އޮފިސަރުން ތަމްރީނުކޮށް ވަޒީފާއަށް ނެރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު މި މަޤާމާ ޙަވާލުވެވަޑައިގަތްއިރު އިޞްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުގެ އިރުޝާދުގެ ދަށުން، އެ ކަންކަން ތަރުތީބުން ކުރިއަށް ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒަރީރު ވިދާޅުވީ، "އިންސިޓިއުޓް އޮފް ކަރެކްޝަނަލް ސްޓަޑީޒް" މެދުވެރިކޮށް ޖަލުތަކުގެ ނިޒާމު ހަރުދަނާކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ މުއައްސަސާގެ ފެންވަރު މަތިކޮށްގެން ނޫނީ ރަނގަޅު ނިޒާމެއް ޤާއިމުނުކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖަލުތަކުގެ ކަންކަން ބެލެހެއްޓުމާއި، ޖުމްލަ ނިޒާމު އިޞްލާޙުކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން، ޖަލުތަކުގެ ކެޕޭސިޓީ އިތުރުކުރެވި، އުންމީދީ ނަތީޖާތަކެއް ޙާޞިލުވަމުންދާކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ރިފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން، މުވައްޒަފުންނާއި ޤައިދީންނަށް ކުރިމަތިވާ ތަކުލީފުތައް ދެނެގަނެވިފައިވާކަން ފާހަގަކުރައްވަމުން، ގިނަ ގޮންޖެހުންތަކަކާއެކުވެސް މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ކޮމިޝަނަރ ވަނީ ފާހަގަކޮށްފައެވެ.

"ކުރެވޭ މަސައްކަތުގެ ކާމިޔާބީ ފެންނަނުން އެބަދޭ. ޖަލެއްގެ އެންމެ މުހިންމު އެއްކަމަކީ ޖަލުގެ އިންފްރަސްރަކްޗާއި މާހައުލާއި ޤާއިމްކޮށްފައިވާ ޚިދުމަތްތަކާއި އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި އެއާއި ގުޅިގެން ޖަލު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ޤައިމްކުރެވިފައިވާ ސެކުއިރިޓީއާއި އާލާތްތައް." ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވިއެވެ.

ޒަމާނަށް އައި ބަދަލުތަކާއެކުވެސް، މިހާތަނަށް ޖަލުތަކުގެ ސަލާމަތީ ކަންކަން އެދެވޭ މިންވަރަށް ވަރުގަދަކުރެވިފައި ނުވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ނަމަވެސް، މި ސަރުކާރުން ޖަލުތަކުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އަލަށް ބޮޑީ ސްކޭނަރާއި ބެގޭޖް ސްކޭން ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޤައުމެއްގެ ދިރުން ދެމިއޮތުމުގެ އެންމެ މުހިންމު އަސާސަކީ އެ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަންކަން ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވީ، ޤައުމެއްގެ ސަލާމަތީ ނިޒާމު ބަލިކަށިވެއްޖެ ނަމަ، އެ ޤައުމެއްގެ އިޤްތިޞާދާއި ޞިއްޙީ ނިޒާމު ފަދަ މުހިންމު ދާއިރާތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ، އޭނާގެ އުންމީދަކީ ހީވާގި އޮފިސަރުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދީ، އެ ބޭފުޅުންގެ ފަރާތުން ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިޞްލާޙީ މަސައްކަތްތައް ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.