ޤައުމީ ދާރުލްއާސާރަކީ، ދިވެހިންގެ ދިރިއުޅުމާއި ސަޤާފަތާ ގުޅުހުންހުރި ތަކެއްޗާއި، ރާއްޖޭގެ ކަނޑުފަޅުގެ ކޮށާރާއި، މަސްވެރިކަމާއި، ދަތުރުފަތުރާ ގުޅުހުންހުރި ތާރީޚީ ތަކެތި ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއިއެކު ބަލަހައްޓާ، ފޯރުކޮށްދޭ މުހިއްމު އިދާރާއެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ދާރުލްއާސާރެއް ޤާއިމްކުރައްވާފައިވަނީ 1952 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ދާރުލްއާސާރު ހުރީ އުސްގެކޮޅުގައެވެ. ނަމަވެސް މިހާރުގެ ޤައުމީ ދާރުލްއާސާރުގެ ޢިމާރާތަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 2010 ވަނަ އަހަރު ބިނާކޮށްފައިވާ ޒަމާނީ ފެންވަރުގެ، އަދި ޖާގައިގެ ގޮތުން ތަނަވަސް ޢިމާރާތެކެވެ.
img:http://s2.psmnews.mv/images/660x400/14765225087756.jpg|ޤައުމީ ދާރުލްއާސާރު ކުރިން ހުރި ޢިމާރާތް
ޤައުމީ ދާރުލްއާސާރު އިތުރަށް ތަރައްޤީ ކުރެއްވުމަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ދިވެހި ތާރީޚާއި ސަޤާފަތާއި ގުޅޭ އިތުރު ތަކެތި ދާރުލްއާސާރުގައި ބެހެއްޓުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހެރިޓޭޖް ޑިޕާޓްމަންޓްގެ ޑިރެކްޓަރ އާދަމް ނަޞީރު ވިދާޅުވިއެވެ. އަދި، ވަރަށް ގިނަ އަދަދެއްގެ ތަކެތި ދާރުލްއާސާރުގައި ޑިސްޕްލޭ ކުރަން އަދި ނުނެރިވި އެބަހުރިކަމަށާއި، އެ އިދާރާއިން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކި ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކޮށްފައިވާ ތަކެތި ޢާންމުންނަށް ފެންނާނެހެން ބެހެއްޓެމަށްކަމަށް ނަޞީރު ވިދާޅުވިއެވެ. ނަޞީރު ވިދާޅުވީ، ދާރުލްއާސާރަށް ޒިޔާރާތްކުރާ ދިވެހީންގެ އަދަދުވެސް މިހާރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ޤައުމީ ދާރުލްއާސާރުގައި މިހާރު ބަހައްޓާފައިވާ ތަކެތީގެ ތެރޭގައި، ރާއްޖޭގެ ރަސްރަސްކަލުން ބޭނުން ކުރެއްވި ބައެއް ތަކެއްޗާއި، ތުރުކުރެއްވި ހެދުން ކޮޅުތަކާއި، ދިވެހި ތާރީޚާއި ގުޅޭ ވަރަށް ގިނަ އަދަދެއްގެ ތަކެތި ހިމެނެއެވެ. މީގެ ތެރޭގައި ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީޚު ދައްކާދޭ މުހިއްމު ތަކެތިވެސް ފާހަގަކޮށްލެވެއެވެ.
img:http://s2.psmnews.mv/images/660x400/14765224120148.jpg|
ދާރުލްއާސާރުން ފެންނަން ހުރިތަކެތީގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެކައްޗަކަށް ފެންނަން އޮތީ އޮތީ ނ.ލަންދޫއިން ފެނިފައިވާ ހިރިގަލެކެވެ. މި ގަލުގެ ހަތަރު ފަރާތުގައި ޕައްލަވަ ޒަމާނުގައި ދެކުނު ބްރަހްމީ އަކުރުން ލިޔެފައިވެއެވެ. މި ލިޔުން ނިސްބަތްވަނީ މީލާދީން ހަވަނަ ޤަރުނަށް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. މިއީ ދިވެހިރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ގިނަ ދުވަސްވީ ލިޔުމެވެ.
ދާރުލްއާސާރަށް ޢާންމު ގޮތެއްގައި ދިވެހިން އެންމެ ގިނައިން ޒިޔާރަތްކުރަނީ ސްކޫލް ބަންދާ ދިމާކޮށް ކަމަށް ޑިޕާރޓްމަންޓު އޮފް ހެރިޓޭޖުން ވިދާޅުވެއެވެ.