ޚަބަރު

ފިޑޭ އިން ރަޝިޔާ ސަސްޕެންޑްކޮށްފި


  • ފިޑޭއިން ރަޝިޔާ ސަސްޕެންޑްކޮށްފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުން

  • ރަޝިޔާގެ ދިދައިގެ ދަށުން ފިޑޭގެ މުބާރާތްތަކުގައި މީގެ ފަހުން ވާދަކުރެވޭނީ ހަމައެކަނި ޖޫނިއާ ކުޅުންތެރިންނަށް

  • ރަޝިޔާއަށް ހުކުމްކޮށްފައިވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯރ ސްޕޯޓްއިން

ރާޒުވާގެ ދުނިޔޭގެ މައި އިދާރާ (ފިޑޭ)އިން ރަޝިޔާ ސަސްޕެންޑްކޮށްފިއެވެ.

ފިޑޭއިން ރަޝިޔާ ސަސްޕެންޑްކޮށްފައި މިވަނީ ޔޫކްރެއިންގެ ސަރަހައްދުތަކަށް ރަޝިޔާގެ އަސްކަރިއްޔާއިން އަތްގަދަކޮށްފައިވާ ދަނޑިވަޅެއްގައި، އެ ސަރަހައްދުތަކުގެ ޗެސް ފެޑެރޭޝަންތަކުގެ ކޮންޓްރޯލް ރަޝިޔާއިން ނަގާފައިވާތީ އެކަމާ ގުޅޭގޮތުން ޔޫކްރެއިނުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެކަން ބަލާ އެޅި ފިޔަވަޅަށް ރަޝިޔާއިން ނުކިޔަމަންތެރިވުމުންނެވެ.

ޔޫކްރެއިނުން ހުށަހެޅި މި ޝަކުވާއަކަށް ކޯޓް އޮފް އާބިޓްރޭޝަން ފޯރ ސްޕޯޓް (ސީ.އޭ.އެސް) އިން މިދިޔަ މާރޗުމަހު ތާއީދުކޮށްފަވާއިރު، އެ ކޯޓުން ރަޝިޔާއަށް އަމުރުކޮށްފައިވަނީ ފަސް ސަރަހައްދެއްގެ ޗެސް އިދާރާތަކުގެ ބާރު އަލުން އަނބުރާ ޔޫކްރޭނާއި ހަވާލުކުރުމަށާއި، އެ ތަންތަނުގައި މުބާރާތްތައް ބޭއްވުން 90 ދުވަހުގެ ތެރޭގައި ހުއްޓާލުމަށެވެ.

ރަޝިޔާގެ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އާކަޑީ ޑްވޯކޮވިޗް، ރިޔާސަތު ބަލަހައްޓަވަމުންދާ ބައިނަލްއަގުވާމީ ޗެސް ފެޑެރޭޝަން (ފިޑޭ) އިން ހާމަކުރި ގޮތުގައި، ރަޝިޔާއިން އެ އަމުރަށް ބޯލަނބާފައިނުވާތީ، އެ ގައުމު ފިޑޭ އިން ވަގުތީގޮތުންވަނީ ސަސްޕެންޑް ކުރެވިފައެވެ.

މިއަމުރާ ގުޅިގެން، ޔޫކްރެއިންގެ ޗެސް ފެޑެރޭޝަނުން މި ނިންމުމަށް މަރުހަބާ ކިޔާ މިއީ "ތާރީޚީ ކާމިޔާބީއެއް" ކަމަށް ސިފަކޮށްފައިވާއިރު، ޑްވޯކޮވިޗަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ ކޯޓުގެ ހުކުމް ތަންފީޒުކުރާ ކަމަށް ދެއްކުމަށްފަހު، ރަޝިޔާގެ ކުޅުންތެރިންނަށް ފައިދާވާނެ ފަދަ އައު ގޮތްތަކެއް ހޯދައިދިނުމަށެވެ.

ފިޑޭއިން ބުނި ގޮތުގައި، ރަޝިޔާގެ ބޮޑެތި ކުޅުންތެރިންނަށް މިހާރުވެސް އޮންނަ އުސޫލުން ފިޑޭގެ ދަށުން މުބާރާތްތަކުގައި ވާދަކުރާނަމަ، ބައިވެރިވެވޭނީ އެ ގައުމުގެ ދިދައިގެ ބަދަލުގައި ފިޑޭގެ ދިދައިގައެވެ. ރަޝިޔާގެ ދިދައިގެ ދަށުން ކުޅުމުގެ ފުރުސަތު އޮތީ ހަމައެކަނި ޖޫނިއާ ކުޅުންތެރިންނަށް އެކަނި ކަމަށްވެސް އެ ފެޑެރޭޝަނުންވަނީ ހާމަކޮށްފައެވެ.

ފިޑޭއިން އާންމުކޮށްފައިވާ ބަޔާނުގައިވާ ހިމަނާފައިވާ މުހިންމު ނުކުތާތަކަށް ބަލާއިރު، ޓީމު އިވެންޓުތަކުގައި ވަކި ގޮތެއް ނިންމުމަށްފަހު، ވަކި ފަރާތަކަށް ނުޖެހޭ ދިދައެއްގެ ދަށުން ބައިވެރިވުމުގެ ފުރުސަތު ރަޝިޔާގެ ކުޅުންތެރިންނަށް ލިބިދެވޭނެއެވެ.

މިއީ އަންނަ ސެޕްޓެމްބަރު މަހު އުޒްބެކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗެސް އޮލިމްޕިއަޑްގައި ރަޝިޔާގެ ކުޅުންތެރިންނަށް ޓީމެއްގެ ގޮތުގައި ވާދަކުރުމުގެ މަގު ފަހިވެގެންދާނެ ކަމެއް ކަމަށް ބެލެވޭއިރު، ޔޫކްރެއިންއަށް އަތްގަދަ ކުރުމާ ގުޅިގެން ފާއިތުވެދިޔަ ދެ އަހަރު ރަޝިޔާވަނީ މިމުބާރާތުން އެކަހެރިކޮށްފަކަން ފާހަގަކުރެވެއެވެ.