ފީފާ ވޯލްޑް ކަޕް 2026ގެ ނޮކްއައުޓް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ގައުމަކަށް، މުބާރާތުގެ އެއް ހޯސްޓު ކަމުގައިވާ މެކްސިކޯ ވެއްޖެއެވެ.
މެކްސިކޯއިން ނޮކްއައުޓް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރީ، ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައި، ސައުތު ކޮރެއާގެ މައްޗަށް ކުރިހޯދައިގެންނެވެ.
އެސްޓާޑޯ ގުއަޑަލަހާރާގައި ކުޅުނު މި މެޗުން މެކްސިކޯ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ދެވަނަ ހާފުގައި، މެޗުގެ 50 ވަނަ މިނެޓުގައި ލުއިސް ރޯމޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގައި ސައުތު ކޮރެއާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 87 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ބޮލުން، ކޮރެއާގެ ޗޯ ގުއެ ސަންގް ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ މެކްސިކޯގެ ކީޕަރު ރައުލް ރޭޏްޖަލްއެވެ.
މެޗުގައި ލީޑު ފުޅާކުރަން މެކްސިކޯއަށް، 75ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ރައުލް ހިމެނޭޒް، ހަނި އޭންގަލަކުން ފޮނުވާލި ހަމަލާއަށް ހުރަސްއެޅީ ކޮރެއާގެ ކީޕަރެވެ.
މެޗުން ހޯދި މޮޅާއެކު މެކްސިކޯއަށް ވަނީ މި ގުރޫޕުގެ އެއްވަނަ މަގާމުވެސް ކަށަވަރުވެފައެވެ. ސައުތު ކޮރެއާ އަތުން ހޯދި މޮޅާއެކު ދެ މެޗުން ޖުމްލަ ހަ ޕޮއިންޓް މެކްސިކޯއަށް ލިބިފައިވާއިރު، ސައުތު ކޮރެއާއަށް ވެސް އަދި ނޮކްއައުޓް ސްޓޭޖުން ޖާގަހޯދެން އެބައޮތެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސައުތު އެފްރިކާ އަތުން މޮޅުވެގެންވެސް އަދި އެއްވަރުވި ނަމަވެސް، ޗެކިއާ އަދި މެކްސިކޯ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.