ޚަބަރު

ދެވަނަ މޮޅާއެކު ޓީސީ ލީގުގައި ދެމިއޮތުމުގެ އުއްމީދުގައި


  • ގްރީންގެ މައްޗަށް ޓީސީން ކުރިހޯދީ 0-3އިން

  • ދެ ޓީމުގެ ފަރާތުން ފެނުނީ ވާދަވެރި ކުޅުމެއް

ދިވެހި ލީގު 2026/27 ސީޒަންގެ ކޮލިފިކޭޝަންގައި ޓީސީ ހޯދި ދެވަނަ މޮޅާއެކު، އަންނަ ސީޒަނުގައި ވެސް ފުރަތަމަ ޑިވިޝަނުގައި ދެމި އޮތުމުގެ އުއްމީދު އެ ޓީމުން ބޮޑުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކުރި މެޗުން ޓީސީ މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ޑިފެންސިވް ގޭމެއް ފެނުނު މި މެޗުގައި ޓީސީން ލީޑުނަގާފައިވަނީ 35 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ކީޕަރުގެ އަތްދަށުން މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޓީސީއަށް ލީޑު ނަގައިދީފައިވަނީ އިބްރާހީމް ޖިމޯއެވެ.

މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމިގެންދިޔަ ނަމަވެސް، ދެޓީމުގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކެއް ފެނުނެވެ. މި ހަމަލާތައް ދިފާއުކުރުމުގައި ދެޓީމުގެ ޑިފެންސުން ދައްކާފައިވަނީ ފާހަގަކޮށްލެވޭފަދަ މޮޅު ކުޅުމެކެވެ.

ޓީސީގެ ފަހު ދެ ގޯލުވެސް ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފަހުކޮޅެވެ. އެގޮތުން އެޓީމުގެ ދެވަނަ ގޯލަކީ، ޕެނަލްޓީ އޭރިއާގެ ރޮނގު މަތިން ކަހަލަ ގޮތަކަށް ބޯޑޫ ޕްރިންސް ފޮނުވާލި ބޯޅައެއް، ގްރީންގެ ކީޕަރަށް ކޮންޓްރޯލް ނުކުރެވިގެން މެޗު 83 ވަނަ މިނެޓުގައި ވަން ގޯލެކެވެ. އެޓީމުގެ ފަހު ގޯލު ކާމިޔާބުކޮށްފައި ވަނީ އޭގެ 4 ވަރަކަށް މިނެޓު ފަހުންނެވެ. މިއީ ޑީ-އޭރިއާގެވެސް ބޭރުން އައިހަމް ހަމްދޫން ކާމިޔާބުކުރި ގޯލެކެވެ. އައިހަމްގެ ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މި ނަތީޖާއާއެކު ޓީސީ ކުޅުނު 3 މެޗުން އެޓީމަށް މިވަނީ ޖުމްލަ 7 ޕޮއިންޓު ލިބިފައެވެ. އެޓީމުގެ ފުރަތަމަ މެޗުގައި ބިސްބުރު ސްޕޯޓްސް ކުލަބާ ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އަދި ދެވަނަ މެޗުގައި ހއ.ދިއްދޫ އަތުން ޓީސީ މޮޅުވެފައި ވަނީ 0-3 ގެ ނަތީޖާއިންނެވެ.