މިހާރު ކުރިއަށްދާ "ރާއްޖެ ޖޫނިއަރ" ބެޑްމިންޓަން މުބާރާތަށް ސްކޫލްތަކުން ލިބުނު ތަރުހީބު ބޮޑު ނަމަވެސް، ބެޑްމިންޓަން އެންމެ ރަނގަޅަށް ކުޅެވޭ، ރަން އުމުރުފުރާތައް، ނުވަތަ "ޕްރައިމް" އުމުރުފުރާތަކަށް މުބާރާތުގައި ނުކުޅެވުމަކީ ގެއްލުމެއް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ މުޙައްމަދު ރިޝާން ވިދާޅުވެއްޖެއެވެ.
މުބާރާތާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ރިޝާން ވަނީ 2023 ވަނަ އަހަރަށް ފަހު އަލަށް ބާއްވާ މި މުބާރާތަށް ސްކޫލްތަކުގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މުބާރާތުގެ ޓީމު އިވެންޓުގައި 9 ސްކޫލަކުން ޖުމްލަ 25 ޓީމެއް ބައިވެރިވެފައިވާއިރު، އޯޕަން އިވެންޓުގައި 20 ސްކޫލަކުން ޖުމްލަ 267 ކުޅުންތެރިން މުބާރާތުގައި ވާދަކުރާކަން ރިޝާން އުފަލާއެކު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިއަހަރުގެ މުބާރާތަށް ކުރިމަތިވާ އެންމެ ބޮޑު އުނިކަމެއްގެ ގޮތުގައި ރިޝާން ފާހަގަކުރެއްވީ ގްރޭޑް 7 އިން ދަށުގެ އުމުރުފުރާތަކުގެ ކުދިންނަށް ނުކުޅެވުމެވެ. މިއީ، ބެޑްމިންޓަންގެ އެންމެ ޕްރައިމް އުމުރުފުރާ ކަމަށް ރިޝާން ފާހަގަކުރެއްވިއެވެ.
"ދެން އެކަމު މިފަހަރުގެ މުބާރާތުގަ އެބަ އިނދޭ ޑިސްއެޑްވާންޓޭޖެއް. އެއީ އަޅުގަނޑުމެންގެ އެންމެ ޕްރައިމް އުމުރުފުރާގެ ކުދިންނަށް ވާދަނުކުރެވޭ ގޮތަށް މިއިންނަނީ. ގްރޭޑް 7 އިން މައްޗަށް ވީމަ. ހަމައެކަނި 7،8،9،10،11،12. ގާތްގަނޑަކަށް މިވަގުތު ބެޑްމިންޓަންގެ އެންމެ ޕްރައިމް އޭޖު، ޑިވެލޮޕްމަންޓް ސްޓޭޖުގަ ތިބި ގިނަ ކުޅުންތެރިންތެރިންތަކަކަށް ކުޅުމުގެ ފުރުސަތު ނުލިބި މިދަނީ މި މުބާރާތުގަ." ރިޝާން ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު މުބާރާތް ފެށިފައިވާއިރު، ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ ޓީމް އިވެންޓުގެ މެޗުތަކެވެ. އަދި އެއަށްފަހު، ހުކުރު ދުވަހަށް މެދުކަނޑާލުމަށްފަހު ހޮނިހިރު ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ މުބާރާތުގެ އޯޕަން އިވެންޓުގެ މެޗުތަކެވެ.