އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ރޯޔަލް ކޯޓް އޮފް ޖަސްޓިސްގެ ބޭރުގައި ކުރި މުޒާހަރާއެއްގައި، ފަލަސްޠީނާ އެއްކޮޅަށް ވަކާލާތުކުރާތީ މަނާކޮށްފައިވާ ޖަމްޢިއްޔާއެއް ކަމަށްވާ ޕަލަސްޠީނިއަން އެކްޝަންއަށް ތާއީދު ކުރި ކަމަށް ބުނެ 117 މީހުން ހައްޔަރުކޮށްފިއެވެ.
ޕަލަސްޠީނިއަން އެކްޝަން ޖަމްޢިއްޔާ ޙަރަކާތްތެރިވުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 5ވަނަ ދުވަހު މަނާކޮށްފައި ވަނިކޮށް، ރޯޔަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ އެ ޖަމްޢިއްޔާއަކީ ނިރުބަވެރި ގުރޫޕެއް ކަމަށް ބުނެ އެ ޖަމްޢިއްޔާ މަނާކޮށްފައި ވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ހުކުމްކޮށްފައެވެ. އެ ކޯޓުން ބުނީ އެ ނިންމުމުގެ ސަބަބުން ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުނު ނަމަވެސް، އެ ފިޔަވަޅަކީ ޙާލަތާ ބައްދަލު އަދި ޤާނޫނީ ގޮތުން ބަލައިގަނެވޭ ފިޔަވަޅެއް ކަމަށެވެ. އެއާއެކު އެ ޖަމްޢިއްޔާ މަނާކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް މީގެ ކުރިން ހައި ކޯޓުން ނިންމި ނިންނުން ވަނީ ބާޠިލްވެފައެވެ.
ކޯޓު ހުންނަ ސަރަޙައްދަށް އެއްވެފައިވާ މީހުން ވަނީ ކޯޓުގެ ނިންމުމާ މެދު ނުރުހުން ފާޅުކޮށްފައެވެ. އެ މީހުން ތިބީ ޕަލަސްޠީނިއަން އެކްޝަންއަށް ތާއީދު ކުރާ ކަމަށް ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެންނެވެ. ފުުލުހުން ވަނީ އެ މީހުން ހައްޔަރުކޮށްގެން އެ ސަަރަޙައްދުން ގެންގޮސްފައެވެ.
ކޯޓުގެ ނިންމުމާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްނެސްޓީއިން ބުނީ އެ ނިންމުމުގެ ސަބަބުން ނިރުބަވެރިކަމާ ދެކޮޅަށް ހަދާފައިވާ ޤާނޫނުތައް ބޭނުންކޮށްގެން މުުޒާހަރާތައް ރޫޅާލުމުގެ އާދަ އަށަގަތުން އެކަށީގެންވާ ކަމަށެވެ. އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށާއި ދިމުޤުރާތީ ހައްޤުތަކަށް ހުަަރަސްއެޅޭ ކަމެއް ކަމަށް ވެސް އެެމްނެސްޓީއިން ފާހަގަކޮށްފައިވެއެވެ.
ކޯޓުގެ ނިންމުމާ ގުޅޭގޮތުން ގިނަ ޖަމްޢިއްޔާތަކަކުން ހިތްހަމަނުޖެހިފައިވާއިރު، އެ ނިންމުމަކީ ނިރުބަވެރިކަމާ ދެކޮޅަށް އެކުލަވާލާފައިވާ ޤާނޫނުތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ މިސާލެއް ކަމަށް ޖަމްޢިއްޔާތަކުން ފާހަގަކުރެއެވެ. އެ ނިންމުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އުފެދޭ އައު ސަރުކާރުތަކުން ވެސް ނިރުބަވެރިކަމާ ގުޅުމެއް ނެތް ގުރޫޕުތަކާއި މީހުންނާ ދެކޮޅަށް އެ ޤާނޫނުތައް ބޭނުންކުރުމުގެ ފުރުޞަތު އޮތް ކަމަށް ޖަމްޢިއްޔާތަކުން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ޕަލަސްޠީނިއަން އެކްޝަން މަނާކުރި ފަހުން އެ ޖަމްޢިއްޔާއަށް ތާއީދުކުރާ 3،000އެއްހާ މީހުން އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައިވެއެވެ.