ޕޭޕަލްސާއެކު ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިންގެ ބައިވެރިވުން ފުޅާކުރެވިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން ރާއްޖެ އަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ފެށުމައް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ޕޭޕަލްގެ ޚިދުމަތް ސީމްލަސްލީ ރާއްޖޭގައި އިންޓަގްރޭޓްކުރެވިގެން ދިއުމަކ،ީ ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިންގެ ބައިވެރިވުން ފުޅާކުރުމަށް އޮތް ބޮޑު ހުރަހެއް ނައްތާލުންކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރިޔާސަތާއި 2023 ނޮވެންބަރު 17 ގައި ޙަވާލުވެ ވަޑައިގަތުމަށްފަހު ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާގެ ގޮތުގައި ވަޒީރު މުޙައްމަދު ސަޢީދު ފާހަގަކުރެއްވިއެވެ.
ރަނގަޅު ތަޞައްވުރެއްގެ މައްޗަށް ބިނާކޮށް ހަރުދަނާ ލީޑަރޝިޕަކުން މަސައްކަތްކުރުމުން ނަތީޖާ ޙާޞިލްކުރެވޭނެކަމަށާއ،ި ދިވެހިރާއްޖޭގެ މާކެޓް ސައިޒް ކުޑަވެގެން ނުވަތަ ޤުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތްގޮތުގެ މައްޗަށް ބުރަވެ ރާއްޖެ ފަހަތަށްޖެހޭނެ ސަބަބެއް ނެތްކަން މިނަތީޖާއިން ދޭހަވާކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ނިޒާމުތައް ޒަމާނީކޮށް، ޕޭޕަލް ފަދަ ބައިނަލްއަގުވާމީ މާލީ މުއާމަލާތްކުރާ ވަސީލަތްތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއަށް ތަޢާރަފުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައިކަމަށެވެ. ވަޒީރު ސަޢީދު ވިދާޅުވީ މީގެމައިގަނޑު މަގުސަދަކީ، ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ޑިޖިޓަލް ދާއިރާއިން އެއްވެސް ހުރަހެއް ނެތް ފުރިހަމަ މިނިވަންކަމެއް ހޯދައިދިނުންކަމަށެވެ. ވަޒީރު ވިދާޅުވީ ރައީސްގެ އަމާޒަކީ ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި ދިވެހިންނަށް ސީދާ ބައިވެރިވެވޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން މުޅި ދުނިޔެއަށް ފުޅާކޮށް، ދިވެހި ރައްޔިތުންނަށް ހަގީގީ މާލީ މިނިވަންކަން ކަށަވަރުކޮށްދެއްވުންކަމަށެވެ.
ވަޒީރު ވިދާޅުވީ ދިވެހި ރައްޔިތުން އަބަދުވެސް ޕޭޕަލް ދެކެމުން އައީ މިދާއިރާގައި ހުރި އެންމެ ފުރިހަމަ ނަމޫނާގެ ގޮތުގައިކަމަށެވެ. އަދި މިއީ ރައްޔިތުންނަށް އެންމެ ބޭނުންތެރި، އެންމެ މުހިންމު ހައްލުކަމުގައިވެސް ދިވެހިން އަބަދުވެސް ޤަބޫލުކުރާކަމަށާއި ދުނިޔޭގެ ބާޒާރުގައި ޕޭޕަލްގެ ހިއްސާ ބޮޑުކަމުން، އެހެން ހުރިހާ ވަސީލަތްތަކަކަށްވުރެ އެ ޚިދުމަތުގެ ނުފޫޒާއި މުހިންމުކަން ބޮޑުކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް ޕޭޕަލް ތައާރަފުކޮށް، ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް ހިންގޭނެ މަގުތައް ހުޅުވައިދިނުމަށް ރިޔާސީ މެނިފެސްޓޯގައި ވެފައިވާ ވައުދާ އެކު ފެށުނު މަސައްކަތެކެވެ. ނަމަވެސް، އެތައް އަހަރެއް ވަންދެން ހައްލުނުވެ އޮތް މިފަދަ ބޮޑު ކަމެއްގެ ހުރަސްތައް ނައްތާލުމަކީ އިންތިހާއަށް ގޮންޖެހުން ބޮޑު ކަމެކަމަށް ވިދާޅުވިއެވެ. މި މަސައްކަތުގައި ހޭދަވި ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ތަފާތު އެކި ގޮތްގޮތުން މަސައްކަތް ކުރެވުނު ނަމަވެސް، އަމަލީ ގޮތުން އެދެވޭ ނަތީޖާއެއް ހާސިލެއް ނުކުރެވޭކަމަށް ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މިކަމަށްޓަކައި ގެންގުޅޭ އުސޫލުތަކާއި އިސްތިރާތީޖީ ވިސްނުންތަކަށް އަސާސީ ބަދަލެއް ގެންނަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ވަޒިރު ސައީދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިލިއަނެއްގެ ދެބައިކުޅަ އެއްބައި އާ ގާތްކުރާ އަދަދަކަށް އެކްޓިވް އެކައުންޓް ގެންގުޅޭ ޕޭޕަލް ފަދަ ބޮޑު ނެޓްވޯކަކުން، ވަކި މާކެޓަކަށް ޚިދުމަތް ދޭން ފަށަނީ އެއްވެސް ރޭވުމެއް ނެތި ނޫންކަަމަށެވެ.އެ ގޮތުން މި މަސައްކަތަކީ ހަމައެކަނި ވަގުތީ ހައްލެއް ހޯދުމެއް ނުވަތަ ކުރުމުއްދަތަކަށް ބޭނުންކުރާނެ އަމިއްލަ ބަދަލުތަކެއް ހޯދުމެއް ނޫންކަމަށާއި އޭގެ ބަދަލުގައި، ނިޒާމީ ގޮތެއްގައި މަސައްކަތް ކުރީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ބިނާކޮށް، ކުރިމަތިވި ގާނޫނީ ގޮންޖެހުންތަކުން އަރައިގަނެ، ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ގާއިމުކުރުމަށްކަމަށް ވިދާޅުވިއެވެ.
ޕޭޕަލްގެ ނެޓްވޯކް މި ގައުމާ ގުޅާލެވުނީ މި ބިންގަލުގެ މަތީގައިކަމަށާއި އަދި މި ބައިނަލްއަގުވާމީ ނިޒާމު ސީދާ ދިވެހި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ޕޭޕަލް އިން އިޚްތިޔާރު ކުރި ސްޓްރެޓީޖިކް ބައިވެރިއަކީ އޫރީދޫކަމަށެވެ.