ޚަބަރު

ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް


  • މާލީ ވަޒީރަކަށް ޒަރީރު އައްޔަންކުރެއްވީ ވަޒީރުކަމުން ޒަމީރު އިސްތިއުފާދެއްވުމުން

  • ޒަރީރު ވަނީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރ ކަމުގެ މަޤާމު ފުރުއްވާފައި

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ، ޙަސަން ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ 'ހ'ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަން ކުރައްވާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.

ޒަރީރަށް ރުހުން ހޯދުމާއި ގުޅޭގޮތުން ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ އާއި ގުޅޭ ދާއިމީ ކޮމިޓީ އަށް ފޮނުވާފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރ ކަމުގެ މަޤާމު ފުރުއްވާފައިވާ ޒަރީރު އަކީ މާލީ ދާއިރާ އަށް ގިަނ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމުން ބެޗްލަރ އޮފް އެކައުންޓިންގެ އިތުރުން މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރުގެ މަޤާމަށް ޒަރީރު އައްޔަން ކުރައްވާފައި ވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަމީރު މަޤާމުން އިސްތިއުފާދެއްވާފައި ވަނީ ސިއްޙީ ހާލަތު ހުރި ގޮތުން އެފަދަ ބުރަ ޒިންމާ އެއް އަދާކުރެވެން ނެތުމުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.