ޚަބަރު

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ބެހޭ ބިލު މަޖިލީހަށް


  • "މޯލްޑިވްސް ޑިޖިޓަލް ސަރވިސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާނެ

  • އެތަނުގެ ވެރިޔާގެ ގޮތުގައި ކޮމިޝަނަރ ފޮރ ޑިޖިޓަލް ޓެކްނޮލޮޖީ އައްޔަންކުރައްވާނެ

ސަރުކާރުގެ ޑިޖިޓަލް ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީއެވެ. މިއީ އިތުބާރުހިފޭ، ސަލާމަތްތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ފޯރުކޮށްދެވޭނެ ޑިޖިޓަލް ގަވަރނަންސްގެ ނިޒާމެއް ގާއިމުކުރުމަށް ހުށަހެޅުއްވި ބިލެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ކަންކަމާއި ޑިޖިޓަލް ގަވަރނަންސްގެ ނިޒާމާގުޅޭ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާނެއެވެ. އަދި މި ބިލުގެ ސަބަބުން އިންޓައޮޕަރަބަލް ޑިޖިޓަލް އިކޯސިސްޓަމެއް ޤާއިމުކުރުމަށް މަގުފަހިކޮށްދޭ އަދި އިންފޮމޭޝަން ސިސްޓަމްތަކުގެ މެދުގައި ޕްރޮސެސްކުރެވޭ ޑޭޓާގެ އަސާސީ އަސްލު ކަނޑައެޅުމަށް ދައުލަތުގެ އިދާރާތަކުނުް ބަރޯސާވެވޭނެ ދަފުތަރުތައް ގާއިމުކުރުމާއި ރައްކާތެރިކަމާއެކު ޑޭޓާ ހިއްސާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިލާއެކު އުފައްދާ މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ ދަށަށް ދާޚިލީ ކަންކަމާބެހޭ ވުޒާރާގެ ދަށުން މިހާރު ހިންގަމުންދާ ޑިޖިޓަލް ސަރވިސްގެ ހުރިހާ މަސްއޫލިއްޔަތުތަކާއި ޙައްގުތަކާއި މަންފާތައް އަދި މުވައްޒަފުން އެ އިދާރާގެ ދަށަށް ބަދަލުވާނެއެވެ. މި އިދާރާ ހިންގާނީ ދާޚިލީ ވުޒާރާގެ ދަށުންނެވެ. އަދި މަޖިލީހަށް ޖަވާބުދާރީވާންޖެހޭނީ އެ ވުޒާރާއަކާ ހަވާލުވެ ހުންނަވާ ވަޒީރެއް ކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީއާ ގުޅުންހުރި ހުރިހާ ޚިދުމަތެއް ފޯރުކޮށްދީ، ދައުލަތުގެ ކޮމްޕިއުޓަރ ނެޓްވަރކާއި އިންފްރާސްޓްރަކްޗަރ ބަލަހައްޓަންޖެހޭނީ މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިންނެވެ. އަދި ދައުލަތުގެ އިދާރާތަކުން ޑިޖިޓަލްކޮށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ނަޒާހަތްތެރި، ހަމހަމަ އަދި އިތުބާރުހިފޭ ފެންވަރެއްގެ އަދި ފަސޭހަކަމާއެކު ވާސިލުވެވޭ ޚިދުމަތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ ފަންނީ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމަކީވެސް އެ އިދާރާގެ ޒިންމާއެކެވެ.

މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ އެންމެ އިސްވެރިޔާގެ ގޮތުގައި ކޮމިޝަނަރ ފޮރ ޑިޖިޓަލް ޓެކްނޮލޮޖީއެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ އިދާރާއިން ކަނޑައަޅާންޖެހޭ ފަންނީ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުތައް ތަންފީޒުކުރުމަށް "ޑިޖިޓަލް ގަވަރނަންސް އެޑްވައިޒަރީ ކޮމިޓީ" ގެ ނަމުގައި ޚާއްސަ ކޮމިޓީއެއް ކޮމިޝަނަރގެ ލަފަޔާއެކު ވަޒީރު އެކުލަވާލަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ބިލު ޤާނޫނަކަށްވުމާއެކު ރާއްޖޭގެ ޑިޖިޓަލް ގަވަރނަންސް ނިޒާމު ހަރުދަނާ ކުރުމަށްޓަކައި "މޯލްޑިވްސް 2.0" ގެނަމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއް ގާއިމުވެގެންދާނެއެވެ. މިއީ ޑިޖިޓަލް ފަރސްޓް ސިޔާސަތެއްގެ ދަށުން ދައުލަތުގެ ހުރިހާ ޚުދމަތްތަކާއި އިދާރީ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައްޓަންކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދީ، ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމާއި ރައްޔިތުންގެ އިތުބާރު ލިބިގެންވާ ވަށައިޖެހޭ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމަށް އެކުލަވާލާ ޕްރޮގްރާމެކެވެ.

މި ބިލުގެ ދަށުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ޑިޖިޓަލް ގަވަރނަންސްގެ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއްވެސް އެކުލަވާލާނެއެވެ. ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކައުންސިލްގައި ތިއްބަވާނީ ރައީސުލްޖުމްހޫރިއްޔާ އާއި އެކަމާ ގުޅުންހުރި ވަޒީރާއި އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވަޒީރާއި ކޮމިޝަނަރ ފޮރ ޑިޖިޓަލް ޓެކްނޮލޮޖީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ފަންނީ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްުޔަންކުރައްވާ މެންބަރެކެވެ.

މި ބިލު ޤާނޫނަކަށްވުމުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ މެދު އަދި ދުރުރާސްތާގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމެނޭހެން "މޯލްޑިވްސް 2.0 ރޯޑްމެޕް" އެއް އެކުލަވާލައި ތަންފީޒުކުރަންޖެހޭ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކޮށްގެން، އިތުބާރު ހިފޭ ގޮތެއްގައި މުއާމަލާތްކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭނެގޮތް މަގުފަހިކުރުމަށް ސިޓިޒަން ޕޯޓަލެއް ގާއިމުކުރުމާއި ދައުލަތުގެ އިދާރާތަކުގެ މެދުގައި ރައްކާތެރިކަމާއެކު ޑޭޓާ ހިއްސާކުރެވޭނެ އޮނިގަނޑެއް ގާއިމުކުރަންޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.