ވިޔަފާރި

ތައިލެންޑު ދަނޑުވެރިންގެ އުފެއްދުންތައް ރާއްޖެއަށް


ތައިލޭންޑުން ރާއްޖެއަށް ތަރުކާރީއާއި މޭވާގެ ބާވަތްތައް އެތެރެކުރަން ބޭނުންވާ ފަރާތްތަކަށް އެއްވެސް މެދުވެރިއެއް ނެތި، ސީދާ ދަނޑުވެރިންގެ އަތުން އެތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ތައިލެންޑުގެ މިނިސްޓަރ އޮފް ކޮމާރސްއާއެކު ބޭއްވި ބައްދަލުވުމަށްފަހު މީޑިއާއި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއާއި ތައިލެންޑާ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން ގިނަ ދާއިރާތަކަކުން އިތުރުކުރެއްވުމަށް މިހާރު މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. މިނިސްޓަރ ސައީދު ވިދާޅުވީ، އެެއްވެސް މެދުވެރިއެއް ނެތި ސީދާ ދަނޑުވެރިންގެ އަތުން ތަކެތި ގަނެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިޔުމުން ދިވެހި ވިޔަފާރިވެރިންނަށް ފަޞޭޙަތަކެއް ލިބެގެންދާނެ ކަމަށެވެ. ތައިލޭންޑުން ރާއްޖެއަށް ތަރުކާރީއާއި މޭވާގެ ބާވަތްތައް އެތެރެކުރަން ބޭނުންވާ ފަރާތްތަކަަށް ފަޞޭހަ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ތައިލޭންޑްގެ މިނިސްޓަރ އޮފް ކޮމާރސް، އަޕިރާދި ޓަންޓްރަޕޯންވަނީ ވިދާޅުވެފައެވެ. ތައިލޭންޑާއި ރާއްޖެއާއި ދެމެދު އޮންނަ ވިޔަފާރީގެ މުއާމަލާތްތަކުގެ ޖުމްލަ އަދަދު، 2018 ވަނަ އަހަރު 200 މިލިއަން ޑޮލަރަށް އެރުވުމަށް އަމާޒް ހިފާފައިވާއިރު، އެ އަމާޒަށް ވާސިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް ތައިލޭންޑްގެ ކޮމާރސް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14763343252876.jpg|ތައިލޭންޑްގެ މިނިސްޓަރ އޮފް ކޮމާރސް، އަޕިރާދި ޓަންޓްރަޕޯން އާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު މީޑިއާއަށް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ޕީއެސްއެމް

ރާއްޖެއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގަތުމުގެ ކުރިން ދެއްވި އިންޓަވިއުއެއްގައެވެ ތައިލެންޑްގެ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައިލޭންޑު އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީން ކުރުމުގައި ތައިލޭންޑުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ އިތުރުން، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެޤައުމުން އެއްބާރުލުން ދިނުމަށް މަޝްވަރާކުރައްވާފައިވާ ކަމަށާއި، އެގޮތުން، ރިހެބިލިޓޭޝަން ސެންޓަރުގެ ޚިދުމަތްވެސް ދިވެހިންނަށް ލިބޭނެ ގޮތްތަކެއް ހަމަޖެއްސެވުމާއި ގުޅޭގޮތުން ދެޤައުމުގެ ދެމެދު މަޝްވަރާކުރައްވާފައިވާ ކަމަށް ތައިލޭންޑްގެ ކޮމަރސް މިނިސްޓަރ ވިދާޅުވިއެވެ.

ތައިލޭންޑްގެ މިނިސްޓަރ އޮފް ކޮމާރސް، އަޕިރާދި ޓަންޓްރަޕޯން ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ މިހާރު ރާއްޖޭގައި ކުރިއަށްދާ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ދެވަނަ ބައްދަލުވުމުގެ ތެރެއިން ކުރިއަށްގެންދިޔަ މިިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.