ޚަބަރު

މިރޭ 9އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު


  • ސަމާލު ނެރެފައިވަނީ ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް

  • މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވޭ

  • ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މިރޭ 9:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ، ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށެވެ. ރީނދޫ ސަމާލު ނެރެފައިވަނީ، މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭގެ 21:00 އާ ހަމައަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ރީނދޫ ސަމާލު ނެރެފައިވާ ގަޑިތަކުގައި މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ، އިލްތިމާސް ކުރައްވާފައެވެ.

ކުރިއަށް އޮތް 2 ދުވަހުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާނުކުރެވޭ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.