ޚަބަރު

ފީފާ ވާރލްޑް ކަޕް 2026: ޕެރަގުއޭ ޕްރިވިއު


16 އަހަރުގެ މެދު ކެނޑުމަކަށްފަހު ޕެރަގުއޭ މި ފަހަރުގެ ވޯލްޑްކަޕުން ޖާގަ ހޯދާފައިވަނީ ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގެ ހަވަނަ ޓީމުގެ ގޮތުގަ އެވެ. ޕެރަގުއޭ ހިމެނުނު ކޮލިފައިންގައި ވާދަކުރި މަޝްހޫރު ގައުމުތަކުގެ ތެރޭގައި އާޖެންޓީނާ އާއި ބްރެޒިލް އާއި އުރުގުއޭގެ އިތުރުން ކޮލަމްބިއާ ހިމެނެ އެވެ.

ފީފާ ވޯލްޑްކަޕްގައި ނުވަވަނަ ފަހަރަށް ޕެރަގުއޭ އިން ވާދަކުރާއިރު މި މުބާރާތުގައި އެ ޓީމަށް ހޯދިފައިވާ އެންމެ ރަގަޅު ކާމިޔާބީއަކީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުން ފުރުސަތު ހޯދުމެވެ.

ޕެރަގުއޭ އިން ފުރަތަމަ ވޯލްޑްކަޕްގައި ކުޅެފައިވަނީ 1970 ވަނަ އަހަރު އެވެ. އޭގެ ފަހުން 1959 ވަނަ އަހަރާއި 1958 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ވަނީ ކުޅެފަ އެވެ. 28 އަހަރުގެ މެދުކެނޑުމަކަށްފަހު ދެން ޕެރަގުއޭ ވޯލްޑްކަޕްގައި ވާދަކޮށްފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑްކަޕްގަ އެވެ. އޭގެ ފަހުން 1998 , 2002, 2006 އަދި 2010 ގެ ވޯލްޑްކަޕަށް ކޮލިފައިވީ ނަމަވެސް އެންމެ ފަހުން ބޭއްވުނު ތިން ވޯލްޑްކަޕަށްވެސް ޕެރަގުއޭ ކޮލިފައިވެފައެއް ނުވެއެވެ.

މި ފަހަރުގެ ވޯލްޑްކަޕާއި ޕެރަގުއޭ ކުރިމަތިލާއިރު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި އާޖެންޓީނާގެ ގުސްޓާވޯ ހޫލިއޯ އަލްފާރޯ އެ މަގާމާއި ހަވާލުވެފައިވަނީ 2024 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕެރަގުއޭ އިން ރަގަޅު ނަތީޖާތަކެއް ހޯދާފައިވާއިރު މި އަހަރުގެ ތެރޭގައި ކުޅުނު އެކުވެރިކަމުގެ ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފަ އެވެ. ގްރީސް އާއި ނިކަރަގުއާ އާއި ދެކޮޅަށް ކުޅުނު ދެ މެޗުން މޮޅުވެފައިވާއިރު, އެ ޓީމު ބަލިވެފައިވަނީ އެފްރިކާގެ މޮރޮކޯ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެމެރިކާ އާއި ދެކޮޅަށް މިއަދު ޕެރަގުއޭ ނިކުންނައިރު އެ ޓީމަށް ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކުޅެމުންދާ ޓީމެކެވެ. ޕެރަގުއޭ އާއި ދެކޮޅަށް ނިކުންނަ އެމެރިކާގެ ޓީމުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ތިބި ނަމަވެސް ޕެރަގުއޭގެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ބްރެޒިލް އާއި އާޖެންޓީނާގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ދިވެހިންނަށް މާ މަޝްހޫރު ކުޅުންތެރިންތަކެއް ޕެރަގުއޭގެ ޓީމުގައި ނެތް ނަމަވެސް ޕްރިމިއާ ލީގުގެ ބްރައިޓަން އަށް ކުޅެމުންދާ ޑިއެގޯ ގޯމޭޒްގެ އިތުރުން އެމެރިކާ އެޓްލާންޓާ އަށް މިހާރު ކުޅެމުންދާ މިގުއެލް އަލްމިރޯން އަކީ ދިވެހިންނަށް ފަރިތަ ނަންތަކެވެ. އަލްމިރަން ވަނީ 2019 އިން 2025 ގެ ނިޔަލަށް ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑަށް ކުޅެފަ އެވެ.

އެމެރިކާއިން މުބާރާތް މޮޅަކުން ފަށަން ބޭނުންވެފައިވާއިރު ޕެރަގުއޭ ފަދަ ޑިފެންސަށް އިސްކަން ދީގެން ކުޅޭ ޓީމަކާއި ދެކޮޅަށް އެއީ ފަސޭހަކަމަކަށް ނުވާނެ އެވެ.