ޚަބަރު

ފީފާ ވާރލްޑް ކަޕް 2026: ބޮސްނިއާ އެންޑް ހޭޒްގޮވީނާ ޕްރީ މެޗް


1992 ވަނަ އަހަރާއި ހަމައަށް ބޮސްނިއާ އެންޑް ހޭޒްގޮވީނާ އިން ދުނިޔޭގެ ފުޓްބޯޅައިގައި ވާދަކޮށްފައިވަނީ ޔޫގޮސްލޭވިޔާގެ ނަމުގަ އެވެ. އޭގެ ތެރޭގައި 1930 އިން ފެށިގެން 1990 ވަނަ އަހަރާއި ހަމައަށް ފީފާ ވޯލްޑްކަޕްގައި ކުޅުނު މެޗުތައް ވެސް ހިމެނެ އެވެ.

ޔޫގޮސްލޭވިޔާ އާއި ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޮސްނިއާ އެންޑް ހޭޒްގޮވީނާ އިން ފުރަތަމަ ފަހަރަށް ވޯލްޑްކަޕެއްގައި ވާދަކޮށްފައިވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގަ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ކުރިއަށް ދެވޭ ގޮތެއް ވެފައެއްނުވެ އެވެ.

މި ފަހަރުގެ ވޯލްޑްކަޕް އިން ބޮސްނިއާ އެންޑް ހޭޒްގޮވީނާ ފުރުސަތު ހޯދާފައިވަނީ ޔޫރަޕްގެ ގްރޫޕް އެޗް ގެ ދެވަނަ ޓީމުގެ ގޮތުގައި ޕްލޭއޮފް ޖާގައެއް ހޯދައިގެންނެވެ. ގްރޫޕް އެޗް ގެ އެއްވަނަ ޓީމުގެ ގޮތުގައި އޮސްޓްރިއާ ވޯލްޑްކަޕް އިން ފުރުސަތު ހޯދިއިރު މި ގްރޫޕްގައި ދެން ހިމެނުނު މަޝްހޫރު ގައުމަކީ ރޮމޭނިޔާ އެވެ.

ޔޫރަޕްގެ ޕްލޭ އޮފްގެ ސެމީ ފައިނަލުގައި ބޮސްނިއާ އެންޑް ހޭޒްގޮވީނާ އިން ފުރަތަމަ ވޭލްސް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ވަނީ ފައިނަލުގެ ފުރުސަތު ހޯދާފަ އެވެ. އަދި ފައިނަލުގައި ދުނިޔޭގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ އިޓަލީ އާއި ދެކޮޅަށް ކުޅުނު މެޗުވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް ވޯލްޑްކަޕްގެ ޖާގައެއް ބޮސްނިއާ އެންޑް ހޭޒްގޮވީނާ އިން ހޯދާފައިވަނީ ޕެނަލްޓީ ޖަހައިގެން 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ބޮސްނިއާ އެންޑް ހޭޒްގޮވީނާގެ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ޖަރުމަނުގެ ޝާލްކޭ އަށް ކުޅެމުންދާ އުމުރުން 40 އަހަރުގެ އެޑިން ޒެކޯ އެވެ.

ކޮލިފައިންގެ ޕްލޭ އޮފް ދެ މެޗު ވެސް ޕެނަލްޓީ ޖަހައިގެން ބޮސްނިއާ އެންޑް ހޭޒްގޮވީނާ އިން ކާމިޔާބުކޮށް ވޯލްޑްކަޕްގެ ޖާގައެއް އެ ގައުމުން ހޯދާފައިވާއިރު މިރޭގެ މެޗަށްވެސް އެ ޓީމު ނިކުންނާނީ ޑިފެންސަށް އިސްކަން ދީގެން ރަގަޅު ނަތީޖާއެއް ހޯދުމަށެވެ.