ދެކުނު އެފްރިކާ އަތުން 2-0އިން ވޯލްޑް ކަޕުގައި މެކްސިކޯ މޮޅުވި މެޗުގައި އެންމެ ގިނަ ބަޔަކު އަޅައިގަތީ މެކްސިކޯގެ ދެ ވަނަ ގޯލަށް ފަހު ފޯވަޑް ރައުލް ހިމެނޭޒްގެ ރޮމުން ދިޔަ ތަނެވެ. މީގެ ސަބަބު މެޗަށް ފަހު ކިޔައިދިނީ ކޯޗު ހާވިއާ އަގުއިރޭ އެވެ.
1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕުގައި ކުޅުންތެރިއެއްގެ ގޮތުގައި ގައުމީ ޓީމަށް ކުޅުނު އަގުއިރޭ އަށް ވެސް ރޭ އަމިއްލަ ގައުމުގައި ވޯލްޑް ކަޕް ހުޅުވަން ކުޅުނު މެޗަކީ ހާއްސަ އުފަލެކެވެ. އޭނާ ބުނީ މީގެ 40 އަހަރު ކުރިން މެކްސިކޯ އަމިއްލަ ދަނޑަށް ނުކުތީ އިތުބާރާއެކު ކަމަށާއި މިހާރުގެ ކުޅުންތެރިންނަށް މި މެޗުގެ ކުރިން ވިސްނައިދިނީ ވެސް އޭނާ ކުޅުނުއިރު އޮތް ޓީމުގެ ފަރާތުން ފެނުނު ފަދަ އިތުބާރަކާއެކު ދަނޑަށް ނުކުތުމަށް ކަމަށެވެ.
"އޭނާ ދިން އިންޓަވިއު އެއް އަހަރެން ކިޔައިފިން. އޭގައި ބުނަނީ މިއީ ތިމަންނަގެ ވޯލްޑް ކަޕޭ. އަހަރެންނަށް ހީވަނީ އޭނާ މުބާރާތް މި ފެށީ އުދުހިފައިހެން. އޭނާ (މީގެ ކުރިން) އަބަދުވެސް ހުންނަނީ ކޮންމެވެސް މީހެއްގެ ހިޔަނީގައި. އެކަމަކު މި ފަހަރު އޭނާ މިވަނީ މި ޓީމުގައި ފުރަތަމް 11ގައި ކުޅެން ނުކެ ގޯލު ޖަހާފައި. އަހަރެންނަށް ހީވަނީ އޭނާ އަށް ވެސް އަދި މެކްސިކޯ އަށް މިއަދަކީ ވަރަށް އުފާވެރި ދުވަހެއްހެން،" ކޯޗު ބުންޏެވެ.
ދެކުނު އެފްރިކާ ކޮޅަށް ޖެހި ގޯލަކީ ހިމެނޭޒް އުމުރުން 35 އަހަރުގެ ފޯވަޑް ވޯލްޑް ކަޕުގައި ޖެހި ފުރަތަމަ ގޯލެވެ. އޭނާ އަކީ 2020 ވަނަ އަހަރު ބޮލުގެ ނާށިގަނޑު ފަޅައިގެން ދިއުމުން ފުރާން ސަލާމަތް ކުރަން ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނު ކުޅުންތެރިއެކެވެ. އަދި މިއަށްފަހު ގާތްގާތުގައި ދިމާވި އަނިޔާތަކކުގެ ސަބަބުން ހިމެނޭޒަށް ރަނގަޅަށް ހިންދެމިލެވޭނެ ގޮތެއް ނުވި އެވެ. 2022ގެ ވޯލްޑް ކަޕް ޓީމުގައި ހިމެނުނު ނަމަވެސް އެ މުބާރާތުގައި ގޯލެއް ވެސް ނުޖެހުނެވެ.
"މިދިޔަ ދުވަސްތަކުގައި އޭނާ ތަޖުރިބާ ކުރީ ވަރަށް ތަފާތު ކަންކަން. އަދި މިހުރިހާ ކަމެއްގެ ތެރެއިން އޭނާ އަށް ވޯލްޑް ކަޕް ގޯލެއް ޖެހުމަކީ ވަރަށް ހާއްސަ ކަމެއް. މިއީ އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް. މިއީ އޭނާ އަށް ހާއްސަ ދުވަހެއް،" ކޯޗު ބުންޏެވެ.
މެކްސިކޯ އަކީ މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ. އަނެއް ދެ ގައުމަކީ އެމެރިކާ އާއި ކެނެޑާ އެވެ.