ޚަބަރު

ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް


އެމެރިކާގެ ޢުދުވާންތަކަށް ރައްދުދިނުމުގެ ގޮތުން ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް މުހިންމު ހުރްމުޒް ކަނޑުއޮޅި އީރާނުން އަނެއްކާވެސް ބަންދުކޮށް، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދިނުމާއެކު، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ފީފާއަކުން 2 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެއެވެ. މި ގޮތުން ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު 95.40 އެމެރިކާ ޑޮލަރަށް އަދި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓް (ޑަބްލިޔުޓީއައި) ފީފާއެއްގެ އަގު ވަނީ 92.63 ޑޮލަރަށް އުފުލިފައެވެ.

އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނީ، ތެހެރާނުގެ ހުޅަނގުގެ ސަރަޙައްދުތަކާއި އައިއާރްޖީސީގެ މަރުކަޒުތަކަށް އެމެރިކާއިން ދިން ޙަމަލާތަކުގެ ރައްދުގައި، އެމެރިކާގެ އެފް-35، އެފް-15 އަދި އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކުން ބޭނުންކުރާ އުރުދުންގެ އަލް-އަޒްރަޤް ވައިގެ ބަނދަރަށް 12 ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ޙަމަލާދީ، ގިނަ އަދަދެއްގެ މަތިންދާބޯޓުތައް ހަލާކުކޮށްލާފައިވާނެ ކަމުގައެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން މި ދަޢުވާ ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އައިއާރްޖީސީން ބުނީ، ކުވަޔިތުގެ ޢަލީ އަލް-ސާލިމް ވައިގެ ބަނދަރާއި އަޙްމަދު އަލް-ޖާބިރު ވައިގެ ބަނދަރުގެ އިތުރުން ބަޙްރަޔިންގެ ޝައިޚް ޢީސާ ވައިގެ ބަނދަރު ހިމެނޭ ގޮތުގައި އެމެރިކާގެ 18 އަސްކަރީ އަމާޒަކަށް ޙަމަލާދީފައިވާނެ ކަމުގައެވެ. އައިއާރްޖީސީގެ ޙަމަލާތައް ޕެޓްރިއަޓް ވައިގެ ދިފާޢީ ނިޒާމުތަކަށާއި، މުވާޞަލާތީ ވަޞީލަތްތަކުގެ އިތުރުން ބަޙްރަޔިންގައި އޮންނަ އެމެރިކާގެ ފިފްތު ފްލީޓަށް އަމާޒުކޮށްފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ވަނީ އީރާނުގެ ދެކުނުގެ ގިނަ އަމާޒުތަކަކަށް "ދިފާޢުގައި" ކަމަށް ބުނެ އިތުރު ޙަމަލާތަކެއް ދީފައެވެ.

މި ޙަމަލާތަކުގެ ރައްދުގައި އައިއާރްޖީސީން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަން އަނެއްކާ ވެސް އިޢުލާނުކޮށް، އެ ސަރަޙައްދުން ބޭރުވުމަށް އުޅަނދުފަހަރަށް އަންގާފައެވެ. އަދި، އެ އެންގުމާ ޚިލާފަށް އެ ސަރަޙައްދު ހުރަސްކުރުމަށް މަސައްކަތްކުރި ދެ އުޅަނދަކަށް ޙަމަލާދީފައިވާނެ ކަމުގައި ވެސް އައިއާރްޖީސީން ބުންޏެވެ. އަދި، އެ ސަރަޙައްދާ ކައިރިވާ ކޮންމެ އުޅަނދަކީ ދުޝްމަނުންނަށް ވާގިވެރިވާ އުޅަނދެއްގެ ގޮތުގައި ބަލާނެ ކަމުގައި ވެސް އައިއާރްޖީސީން އިންޒާރުދިނެވެ.

އީރާންގެ އަސްކަރިއްޔާގެ މައި މަރުކަޒުން ބުނީ، އެމެރިކާގެ ކޮންމެ ޢުދުވާނީ ޙަމަލާއެއްގެ ރައްދުގައި "ފުނޑުފުނޑުކޮށްލަނިވި" ރައްދެއް ދިނުމަށް އައިއާރްޖީސީން ފުރިހަމައަށް ތައްޔާރަށް އޮތް ކަމުގައެވެ. އަދި، ދުޝްމަނުންގެ ޙަމަލާތައް ދެމިއޮތްހައި ހިނދަކު އީރާނުގެ އަސްކަރީ ޙަރަކާތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމުގައި ވެސް އައިއާރްޖީސީން ބުންޏެވެ.