ޚަބަރު

ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރާ ގެއެއް ބަންދުކުރަން އަމުރެއް


  • ބަންދުކޮށްފައިވަނީ ހިތަދޫ ލާމިޔާގެއާގެ

  • އެތަން ބަންދުކޮށްފައި ވަނީ 90 ދުވަހުގެ މުއްދަތަށް

އައްޑޫ ސިޓީ ހިތަދޫގައި، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަނެއް ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރެފައިވަނީ ހިތަދޫ / ލާމިޔާގެއާގެ ބަންދުކުރުމަށްކަމަށެވެ. އެތަން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެގޮތަށް ބަަންދުކުރެވޭ ތަންތަން ގިނަވެގެން 3 މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އިސްލާޙުކޮށް އަމަލުކުރަން ފެށީ، 2026 މާރިޗު 7 ގައެވެ.

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ.

އަދި އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.

އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ފާހަގަކުރައްވައެވެ.