ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޤައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޝަނުގެ ސެމީގެ ޖާގަތަކަށް ޓީމުތައް ދަތުރުކޮށްފިއެވެ.
އެގޮތުން ފިރިހެން ޑިވިޝަނުގެ ސެމީގެ ޖާގަތައް ކަށަވަރުކޮށްފަވަނީ ސަން ސްޕޯޓްސް ކްލަބުގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީއެވެ. އަދި އަންހެން ޑިވިޝަނުން ސެމީއަށް ދަތުރުކޮށްފައިވަނީ އެމްޓީސީސީގެ އިތުރުން ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަންއެވެ.
އަންހެން ޑިވިޝަނުން ސެމީގެ ފުރަތަމަ ޖާގަ އެމްޓީސީސީއިން ހޯދީ ސީދާ ތިން ސެޓުން ރާއްޖެ ވޮލީ ކްލަބް ބަލިކޮށްގެންނެވެ. މިމެޗުގެ ސެޓުތައް ފަސޭހަކަމާއެކު އެމްޓީސީސީއިން ގެންދިޔައީ 25-11، 25-08 އަދި 25-18 އިންނެވެ.
ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަނުން ސެމީގެ ފަހު ޖާގަ ކަށަވަރުކޮށްފަވާއިރު، އެޓީމުންވަނީ ސީދާ ތިން ސެޓުން ހެޕީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދާފައެވެ. މިމެޗުގެ ސެޓުތައް 25-12، 25-18 އަދި 25-21 އިންނެވެ.
ޤައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ސެމީގެ ޖާގަތައް ސަން ސްޕޯޓްސް ކްލަބުގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީއިން ކަށަވަރުކޮށްފަވާއިރު، ސަން ސްޕޯޓްސް ކްލަބުން ސެމީއަށް ދަތުރުކުރީ ތިން ސެޓް އެއް ސެޓުން ޔުނައިޓެޑް ހެންވޭރިއަންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ހަތަރު ސެޓަށް ދިޔަ މިމެޗުގެ ފުރަތަމަ ސެޓް އެޓީމުން 18-25 އިން ނަގާފަވަނިކޮށް، ޔޫއެޗްއިންވަނީ ފަހަތުން އަރާ 25-23 އިން މެޗު އެއްވަރުކޮށްފައެވެ. އެހެންނަމަވެސް އިތުރު ހިތްވަރެއްލާ ސަން ސްޕޯޓްސް ކްލަބުންވަނީ ބާކީ ދެ ސެޓް 25-16 އަދި 25-18 އިން ކާމިޔާބުކޮށް ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ.
ލީގުގެ ސެމީގެ ފަހު ޖާގަ ސްޕޯޓްސް ކްލަބް ސިޓީއިން ހޯދާފައިވަނީ ސީދާ ތިން ސެޓުން ލަޔަންސް ރެކްރިއޭޝަން ކްލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ ސެޓްތައް އެޓީމުން ނެގީ މާބޮޑު ދަތިކަމެއްނެތި، 25-20، 25-20 އަދި 25-14 އިންނެވެ.
ޤައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ އަންހެން މެޗުތަކުގެ ކުޅުން މިމަހުގެ 1 އިން 11 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާނެއެވެ. އަށް ޕޫލަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި 24 ޓީމަކުން ވާދަކުރެއެވެ. އަދި ފިރިހެން ޑިވިޝަނުގެ ކުޅުން މިމަހުގެ 3 އިން 11 އަށް ކުރިއަށްދާއިރު، މި ޑިވިޝަން ހަތަރު ޕޫލަށް ބަހާލާފަވާއިރު، 13 ޓީމަކުން ވާދަކުރެއެވެ.