ޚަބަރު

އީރާނާއި އެމެރިކާއިން އަނެއްކާވެސް ހަމަލާ ބަދަލުކޮށްފި


އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، އީރާނާއި އެމެރިކާއިން އަނެއްކާވެސް ވައިގެ ޙަމަލާތައް ބަދަލުކުރަން ފަށައިފިއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނީ މިދިޔަ ހަފްތާ ބަންދުގައި، އީރާނުގެ ވައިގެ ޙަމަލާތަކުން ދިފާޢުވުމުގެ ނިޒާމެއްގެ އިތުރުން ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާދޭން މަސައްކަތް ކުރި އީރާނުގެ ދެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ.

އެގޮތުން، އީރާނުގެ އެ ޑްރޯނުން ވަނީ ބައިނަލްއަޤުވާމީ ވައިގެ ސަރަޙައްދުން ދަތުރުކުރި އެމެރިކާގެ އަސްކަރީ ޑްރޯނަކަށް ވެސް ޙަމަލާދީފައި ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުނީ، އީރާނުގެ ދެކުނުގެ ސަރަޙައްދުތަކަށް ޙަމަލާދޭން ބޭނުންކުރި އެމެރިކާގެ އަސްކަރީ ބަނދަރަކަށް އީރާނުން ރައްދުގައި ޙަމަލާދީފައިވާ ކަމަށެވެ.

އެއީ ގަލްފުގެ ކޮން ޤައުމެއްގައި ހުރި އަސްކަރީ މަރުކަޒެއް ކަން އީރާނުން ބުނެފައިނުވި ނަމަވެސް، އީރާނުގެ ޑްރޯނާއި މިސައިލް ޙަމަލާތަކެއް އަމާޒުކުރި ކަމަށް ކުވޭތުން ވަނީ ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި، މިދިޔަ އޭޕްރީލް މަހުން ފެށިގެން ދެ ޤައުމުން ވެސް އޮތީ ޙަމަލާތައް ބަދަލުކުރުން މެދުކަނޑައިލަން އެއްބަސްވެފައެވެ.

ސުލްޙައިގެ އެއްބަސްވުން ދާއިމީކޮށް، ހަނގުރާމަ ނިމުމަކަށް ގެންނަން ޕާކިސްތާނުން އިސްވެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ ސުލްޙައިގެ މަޝްވަރާތަކަށް އަދި މާބޮޑުކުރިއެރުމެއް ނުލިބެއެވެ.

ނަމަވެސް، އީރާނުގެ އަސްކަރީ ވަޞީލަތްތަކަށް އެމެރިކާއިން ޙަމަލާދިން ފަހުން ވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ވިދާޅުވާ ވާހަކަ އަނެއްކާވެސް ތަކުރާރުކުރައްވައިފައެވެ.

މި ހަނގުރާމައާ ގުޅިގެން، އީރާނުން ވަނީ ރައްދުގައި ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

އެކަމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.

އެމެރިކާ އާއި އީރާނުން އަނެއްކާވެސް ޙަމަލާތައް ބަދަލުކުރަން ފެށުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ 3 އިންސައްތަ އުފުލިފައެވެ.