ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ދިން މެޑިކަލް ވެލްފެއަރގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފިއެވެ. މި ބަދަލު ތަންފީޒުވާން ފަށާނީ، މާދަމާއިން ފެށިގެންނެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ދެމުން ދިޔަ މެޑިކަލް ވެލްފެއަރގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ، މިހާރު ޞިއްޙީ ނިޒާމުގެ އެހީގެ ޚިދުމަތް ދެ ތަނަކުންދޭތީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ގެނައުމަށެވެ. މިއާއެކު ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭސްފަރުވާގެ އެހީއަށް އެންސްޕާއިން ދެމުން ދިޔަ ފަސް ޚިދުމަތެއް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުވާނެއެވެ.
1. ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން
2. ކެންސަރ ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން
3. ފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ ފަރާތްތަކަށް އެހީވުން
4. ފަރުވާ ކުރިއަށް ގެންދިއުމަށް ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ
5. އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ޓިކެޓް
6. ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ޞިއްޙީ ކަންކަމަށް ދެވޭ އެހީ
7. ޕަބްލިކް ހޮސްޕިޓަލުންނާއި އާސަންދައިން ކަވަރ ނުކުރާ ޓެސްޓްތަކާއި ތަޙްލީލްތަކަށް ދެވޭ އެހީ
8. ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި، މެޝިން ( އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ
9.ދެވޭ އިތުރު އެހީއެއް ނެތް ކަމަށް ކަމާބެހޭ ޚާއްސަ ޑޮކްޓަރަކު ލަފާ ދިނުމަށްފަހު އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް ( ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ) އެހީވުން
10. ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުން
11. އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ
12. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން
13. ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން
14. މެރަނަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހިންނަށް އެމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ ، މެރަނަ ސްކީމުގެ ކަވަރޭޖް ބޮޑުކޮށްދިނުން
15. ރަށަކުން ފޯމު ފުރައި ދެއްވާ ޑޮކްޓަރަކީ ކަމުގެ ޚާއްސަ ޑޮކްޓަރަކަށް ނުވާނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލިމީހާއަށް އެންގުމުން، އިތުރު ތަކުލީފްތަކެއް ދިމާވުމުން، އަދި ރިފަރކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވިނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ ރިޖެކްޓްވުން
16. ވެލްފެއަރގެ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ ފަރާތްތައް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑަރކުރުމަށްފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން
މި ބަދަލާއި ގުޅިގެން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މިބަދަލާއެކު ބޭސްފަރުވާގެ އެކި ކަންކަމުގައި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން އެއް އެޕްލިކޭޝަނެއްގެ ތެރެއިން ލިބޭ ގޮތަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާރު ރައްޔިތުންނަށް އެންމެ ދަތިވާ ކަމަކީ އެހީތެރިކަމަށް ބަލާއިރު އާސަންދަ ކުންފުނިން މި އެދެވެނީ ވަކި ކަންކަމަކަށް. އެންސްޕާއިން އިތުރު ކަންކަމަށް އެހީތެރިކަމަށް އެދެމުން މިދަނީ. އެހެންވީމަ މިގޮތަށް ބަދަލުވުން އެއްތަނަކުން މީހުންގެ މައުލޫމާތުވެސް ބެލެހެއްޓިގެންދާނެ އަދި ފޯރުކޮށްދެވޭ އެހީތެރިކަން މާ ސާފުކޮށް އޮޅުން ފިލައިގެންދާނެ. އަޅުގަނޑު އުއްމީދުކުރަނީ، އާންމު ރައްޔިތުންނަށް މި ގެނައި ބަދަލަކީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށް." ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
އެންސްޕާގެ ދަށުން ދެމުން އައި މެޑިކަލް ވެލްފެއަރ ޚިދުމަތްތައް އާސަންދަ ސްކީމުގެ ދަށަށް ބަދަލުވުމާއެކު މިހާރު އެންސްޕާއަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޖޫން 1 އިން ފެށިގެން ދެން ޖަވާބު ދެމުންދާނީ އާސަންދަ ކުންފުނިން ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ދެން މި ޚިދުމަތްތަކާއި ގުޅޭ މައުލޫމާތުވެސް ދޭނީ އާސަންދަ ކުންފުނީގެ ފަރާތުން ކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވިއެވެ.