ޚަބަރު

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ބޮޑު ބަޔަކަށް ކަނޑުވެސް ގަދަ!


  • އުތުރާއި ދެކުނަށް މިއަދު މޫސުން ގޯސް

  • އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ

  • ކަނޑުދަތުރުކުރާއިރު ރައްކާތެރިވުމަށް އިލްތިމާސްކުރެއްވި

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ މިއަދުވެސް އުތުރާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށާއި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް ވިދާޅުވިއެވެ.

ކުރިއަށްއޮތް 24ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ. އަދި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.

އަދި އުތުރާއި މެދުރާއްޖެތެރެއަށް ރާޅުގެ އުސްމިނުގައި 7-4 ފޫޓު އަދި ދެކުނުގެ އަތޮޅުތަކަށް ރާޅު އުސްމިނުގައި 5-2 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވިއެވެ.

ބަންދު ދުވަސްތަކަކަށްފަހު މިއަދަކީ ސަރުކާރުގެ އޮފީސްތަކާއި، އިދާރާތަކާއި ސްކޫލްތައް ހުޅުވުނު ދުވަހަށް ވުމާއެކު ޗުއްޓީއަށް އެކި ތަންތަނަށް ދިޔަ ފަރާތްތަކުން މިހާރު ވަނީ އެނބުރި މާލެ އަންނަން ފަށާފައެވެ. އަދި މާލެއަށް އައި މީހުންވަނީ އެނބުރި ރަށްރަށަށް ދާން ފަށާފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުންދާ ދުވަސްވަރަށް ވުމާއެކު، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.