ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވުމުން ވަރަށް ހިތްދަތިވެއްޖެ ކަމަށާއި ޗެމްޕިއަންކަން ހޯދި ޕީއެސްޖީން ދެއްކި އާދަޔާ ހިލާފު މޮޅު ކުޅުމެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ކުލަބުގެ ތާރީހުގައި މި މުބާރާތުގެ ފައިނަލް ކުޅުނު ދެ ވަނަ ފަހަރު ތައްޓާ ހަމައަށް ދިއުމަށް އާސެނަލް އަށް ހުރަސް އެޅި ޕެނަލްޓީ އެވެ. ދެ ޓީމު 1-1އިން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ބަލިވީ 4-3އިންނެވެ. މިއީ ޕީއެސްޖީ މި ތަށި ހޯދި ދެ ވަނަ ފަހަރެވެ. އަދި މިއީ ރެއާލް މެޑްރިޑަށް ފަހު ޓީމަކުން ވިދިވިދިގެން މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރު ވެސްމެ އެވެ.
"ޕީއެސްޖީ ދެއްކީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ބޯޅައާއެކު. އެ މީހުންނަށް ބޯޅަ ލިބުމުން ކުޅުންތެރިންގެ އިންޑިވިޖުއަލް ހުނަރު ވެސް ތަފާތު. މުޅި ޓީމު ވެސް ދެއްކި ކުޅުމަކީ އަހަރެން ބުނާނީ އާދަޔާ ހިލާފު ކަމެކޭ. އަހަރެން ނުދެކެން މިވަރުގެ ޑޮމިނަންސްއެއް އެހެން ޓީމެއްގެ ފަރާތުން. މިހެންވެ ކޯޗާއި ކުޅުންތެރިންނަށް ވެސް ތައުރީފް ހައްގު،" އާޓެޓާ ބުންޏެވެ.
މި މެޗުގައި އާސެނަލް އަށް ބޯޅަ ހިފެހެއްޓުނީ އެންމެ 24 ޕަސެންޓްގަ އެވެ. މެޗު އެއްކޮށްހެން ޑޮމިނޭޓްކޮށް ފުލުފުލުގައި ހަމަލާ އުފެއްދީ ވެސް ޕީއެސްޖީ އެވެ.
"ލުއިސް (އެންރީކޭ) މިވަނީ ވަރަށް މޮޅު ޓީމެއް ތައްޔާރު ކޮށްފައި. އަހަރުމެން އަދި އެ ލެވެލް އަކަށް ނުދޭ. އަހަރުމެން އެބަ ޖެހޭ އެ ހިސާބަށް ދާން ވަރަށް މަސައްކަތް ކުރަން. އަހަރެން އޭނާ އަށް މަރުހަބާ ކިޔަން،" އާޓެޓާ ބުންޏެވެ.
ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވި ނަމަވެސް މި ސީޒަނަކީ އާސެނަލް އަށް ކާމިޔާބު ސީޒަނެކެވެ. 22 އަހަރަށް ފަހު އިނގިރޭސި ޕްރެމިއާ ލީގު ވަނީ ކާމިޔާބު ކޮށްފަ އެވެ.
"އަހަރުމެން މިދަނީ ކޮންމެ ސީޒަނަކަށް ފަހު ކުރިއެރުން ހޯދަމުން. މި ސީޒަނުގައި މި ލިބުނު ތައްޓަކީ ވަރަށް މުހިންމު ކާމިޔާބީ އެއް. އެހެންވީމާ މިރޭގެ ހިތްދަތިކަން އަހަރުމެން އެބަޖެހޭ އަވަހަށް އިތުރު ހިތްވަރަކަށް ބަދަލުކޮށްލަން. އަހަރުމެން ހޯދަމުން އަންނަ ކުރިއެރުން މި ގޮތުގައި ހިފަހައްޓަން ޖެހޭ. ސަބަބަކީ ޔޫރަޕުގައި ކާމިޔާބު ހޯދަން އޮތް ޑިމާންޑް އަހަރުން އަހަރަށް އިތުރުވަމުންދާ ތަން ފެނިގެންދާނީވެ،" އާޓެޓާ ބުންޏެވެ.
އޭނާގެ ކޯޗުކަމުގައި މިހާތަނަށް އާސެނަލް ވަނީ ތިން ތަށި ހޯދައިފަ އެވެ. އެއީ އިނގިރޭސި އެފްއޭކަޕަކާއި ކޮމިއުނިޓީ ޝީލްޑަކާ ވެސް އެކުގަ އެވެ.