ދުންފަތާ ގުޅޭ އިތުރު ނުރައްކާތަކުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ސާބިތުކަމާއެކު ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ދުނިޔޭގެ، ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިއަދު ފާހަގަކުރަމުންދާ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ހިއްސާ ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒިވަނީ ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމުގެ އަޒުމް އައުކުރައްވާކަމަށެވެ. ރައީސްވަނީ އީ- ސިނގިރޭޓު މަނާކުރުމުން ފެށިގެން ދުންފަތާ ދެކޮޅަށް "ޖެނެރަލް ބޭން" ތަންފީޒުކުރަންފެށި ދުނިޔޭގެ ފުރަތަމަ ޤައުމަށް ރާއްޖެ ވުމުގެ ޝަރަފާއެކު ސަރުކާރުން އަޅުއްވަމުންގެންދަވާ ބޮޑެތި ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު އެކި ރަހަތަކާއެކު އަލަށް ބާޒާރަށް އަންނަ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުންފަތް އިސްތިހާރުކޮށް ޒުވާން ސިކުނޑިތަކަށް ވާޞިލުވުމަށް މަސައްކަތް ކުރެވެމުންދާއިރު، އެކަންކަމަށް ސަރުކާރުން ހުޝިޔާރުވެ ސަމާލުވެ ތިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒުވާން ޖީލު މިވަބާއިން ރައްކާތެރިކުރުމުގައި މިސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.
On #WorldNoTobaccoDay, we renew our commitment to protecting our people from the dangers of tobacco and nicotine addiction. From banning e-cigarettes to becoming the first country in the world to implement a Generational Ban on Tobacco, we are taking decisive action to achieve… pic.twitter.com/HprDaPSutZ
— Dr Mohamed Muizzu (@MMuizzu) May 31, 2026
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ، ސިސޭޝަން ކްލިނިކްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަޙައްދުތައް ކަނޑައެޅުމާއި، ޤާނޫނާއި ގަވާއިދުތައް އިސްލާޙުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާނެކަމަށެވެ. އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ދުންފަތުން ރައްކާތެރި ދުޅަހެޔޮ ޤައުމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ގޮވާލައްވާފައެވެ.
ދުންފަތުގެ ވަބާއިން ދިވެހި މުޖްތަމަޢޫ ސަލާމަތް ކުރުމަށް މިސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ އޭގެ ނުރައްކާ މިންވަރު އެނގޭނެ ޞިއްޙީ އިންޒާރާއެކުގައިކަމަށްވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި އެކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ ޖެނެރޭޝަނަލް ބޭން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 1 އިން ފެށިގެންވަނީ ތަންފީޒުކުރަން ފަށާފައެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހުގައެވެ.