ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން އެއްވެ، ކުލަގަދަކޮށް، އަޟްޙާ ޢީދު ފާހަގަކޮށްފިއެވެ.
މުސްލިމުންގެ އެންމެ ބޮޑު ޢީދުގައި ޢަމަލުތައް ބަހައްޓަންވީ ގޮތް ކީރިތި ނަބިއްޔާ ބަޔާންކޮށްދެއްވާފައިވާއިރު، އެކަލޭގެފާނު ދެްއްކެވި ނަމޫނާއާ އެއްގޮތަށް، މުސްލިމު އުއްމަތް، ބަރަކާތްތެރި އަޟްޙާ ޢީދު ފައްޓާފައިވަނީ ޢީދު ނަމާދުންނެވެ.
ތުރުކީވިލާތުގައި އެތައް މިލިއަން މީހުން ވަނީ އެ ޤައުމުގެ ގްރޭންޑް މޮސްކާއި އިސްތަންބުލްގައި ހުންނަ ސުލްތާނު އަޙްމަދު މިސްކިތަށް އެއްވެ، ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައެވެ. ބޮޑު ޖަމާޢަތުގައި ބައިވެރިވާން އެ ދެ މިސްކިތަށް ވަނުމަށް އެތަކެއް ގަޑިއިރު ކުރިން ގިނަ ބަޔަކު ވަނީ ސަފު ހަދައިފައެވެ.
ޢީދު ނަމާދަށްފަހު، ޒަމާންވީ ސަޤާފަތާ އެއްގޮތަށް، ގިނަ ބަޔަކު ވަނީ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާ ބައްދަލުކޮށް، ޢީދު ސަލާންކޮށްފައެވެ.
އަޒަރުބައިޖާނުގެ ބާކޫގައި ހުންނަ ހުރިހާ މިސްކިތެއްހެން ފުރާލައި، ގިނަ ބަޔަކު ވަނީ އެއްވެ، ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައެވެ. މިސްކިތްތައް ފުރިގެން، ގޯތިތެރޭގަ އާއި ވަށައިގެން ހަދާފައިވާ ބަގީޗާތަކުގައި ވެސް މީހުން ވަނީ ނަމާދުގެ ސަފުތައް ހަދައިފައެވެ.
ކަޒަކްސްތާނާއި ކިރްގިސްތާނުގެ މިސްކިތްތަކުގައި ވެސް އެފަދަ މަންޒަރުތައް ފެނިފައެވެ. އެ ދެ ޤައުމުގެ ބޮޑެތި މިސްކިތްތަކުގައި އެތައް ހާސް ބަޔަކު ވަނީ، ބަދަހި ސަފުތައް ހަދައި، ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައެވެ.
އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާގެ ގޯތިތެރެ، ހަތަރު ދުވަހުގެ މުއްދަތަށް ދެމިގެންދާ އަޟުޙާ ޢީދު ބަންދުގެ ފުރަތަމަ ދުވަހު އީދު ނަމާދު ކުރުމަށް ޖަމާވި މުސްލިމުންނާއެކު އޮތީ ފުރިބާރުވެފައެވެ.
މިގޮތުން، 140،000 މީހުން އަޤްޞާ މިސްކިތަށް ޖަމާވެ، މިއަދު ވަނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައެވެ.
ސަޢުދީ ޢަރަބިއްޔާ، މިޞްރު، ކުވޭތު، އޮމާން، ބަޙްރޭނު، އިރާޤު، ސޫރިޔާ އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ފަދަ ޢަރަބި ޤައުމުތަކުގައި ވެސް ވަނީ އެތައް މިލިއަން މުސްލިމުން އެއްވެ، ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައެވެ.
ޢަރަބި ޤައުމުތަކެކޭ އެއްފަދައިން، ވިލާތުގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުން ވެސް ވަނީ މިސްކިތްތަކަށާއި ކަނޑައެޅިފައިވާ ނަމާދު ސަރަޙައްދުތަކަށް އެއްވެ އަޟްހާ ޢީދު ނަމާދު ކޮށްފައެވެ.
އިޓަލީވިލާތުގެ، ރޯމް އާއި ވަށައިގެންވާ ސިޓީތަކުގައި ތިބި އެތައް ހާސް މުސްލިމުންނެއް ރޯމްގެ ބޮޑު މިސްކިތުގައި ޢީދު ނަމާދަށް އެއްވެފައެވެ. ނަމާދުކުރަން އެއްވި މީހުންގެ އަދަދު ޚާއްސަކޮށް ގިނަވުމުގެ ސަބަބުން ތިން ފަހަރުމަތިން ޢީދު ނަމާދު ކުރިއެވެ.
މިލާން، ނޭޕާލްސް، ޓޫރިން ފަދަ ސިޓީތަކުގައި ވެސް ނަމާދު ކުރަން އެއްވި މީހުންގެ ސަބަބުން މިސްކިތްތައް ފުރުނެވެ.
ނަމާދަށް ފަހު ބައިވެރިން ސަލާމް ބަދަލުކޮށްފައިވާއިރު، ސަރުކާރުގެ އިސް އޮފިޝަލުން ވެސް ވަނީ މި އުފާފާޅުކުރުމުގައި ބައިވެރިވެފައެވެ.
ސްވިޒަލޭންޑްގައި ހުންނަ ހުރިހާ މިސްކިތްތައް ފުރިފައި ވަނީ ޢީދު ނަމާދު ކުރުމަށެވެ. ޖެނީވާގައި ޕެލެކްސްޕޯ އެގްޒިބިޝަން ސެންޓަރަށް އެތައް ހާސް މީހުން އެއްވެފައިވެއެވެ.
ނެދަލެންޑްސްގައި ވެސް ތަފާތު ފަންތީގެ މުސްލިމުން ހެނދުނުގެ ވަގުތެއްގައި މިސްކިތްތަކަށް އެއްވެ ޢީދު ނަމާދުކުރިއެވެ.
ޖަރުމަނުވިލާތުގައި ޢީދު ނަމާދު ކުރީ ތުރުކީ-އިސްލާމިކް ޔޫނިއަން ފޯ ރެލިޖަސް އެފެއާރޒްއާ ގުޅުން ހުރި މިސްކިތްތަކުގައެވެ.
ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ފަތިހުގެ ވަގުތެއްގައި މިސްކިތްތައް ފުރިފައިވާއިރު، ނަމާދުކުރާ ބައެއް މީހުން ވަނީ ކައިރިކައިރީގައި ދިގު ސަފުތައް ހަދައިފައެވެ.
މީގެއިތުރުން، އޮސްޓްރިއާ، ގްރީސް، ބަލްގޭރިޔާ އަދި ބޮސްނިއާގައި ދިރިއުޅޭ އެތަކެއް ހާސް މުސްލިމުން ވަނީ މިސްކިތްތަކަށް އެއްވެ، ޢީދު ނަމާދުކޮށްފައެވެ.