ޚަބަރު

"ރާއްޖޭގެ ސްކޮޑުގެ އެވަރެޖް އުމުރު 25އަށްވުރެ ހަގުވާނެ"


  • 20 އަހަރުން ދަށުގެ ހަތް ކުޅުންތެރިއަކު ސްކޮޑުގައި ހިމެނި

  • މަސައްކަތްކުރަނީ މުސްތަޤުބަލަށްޓަކައި މަސައްކަތްތަކެއް ކުރަން

އަންނަ މަހު ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ އެވަރެޖް އުމުރު، 25 އަށްވުރެ ކުޑަވާނެކަމަށް ގައުމީ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އިސްޓަވާން އުރުބާނީ ބުނެފިއެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ފަރިތަކުރުންތަކުގެ ތެރެއިން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އުރުބާނީ ފާހަގަކުރި ގޮތުގައި، އެންމެފަހުން ސީނިއަރ ގައުމީ ޓީމުން ކުޅުނު މެޗަށް ނެގި ސްކޮޑާއި މި ފަހަރުގެ މުބާރާތަށް އެކުލަވާލާ ފައިނަލް ސްކޮޑުގެ އެންމެ ބޮޑު ތަފާތަކަށް ވާނީ އުމުރުގެ ތަފާތު ކަމަށެވެ.

އަދި މިއީ ޗެލެންޖަކަށްވި ނަމަވެސް، މިހާރު މަސައްކަތް ކުރަމުން ދަނީ ހަމައެކަނި މި މުބާރާތާ ދޭތެރޭ ވިސްނައިގެން އެކަނި ނޫންކަމަށް އުރުބާނީ ބުންޏެވެ.

"އެއް ތަފާތަކަށް ބަލަންޏާ، ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުގެ އެވަރެޖް އުމުރަކީ ގާތްގަނޑަކަށް 32. އެކަމަކު މިފަހަރު މިނެގި ސްކޮޑުގެ އެވަރެޖް އުމުރު 25 އަށްވުރެ ކުޑަވާނެ. މިއީ ވަރަށް ބޮޑު ޖަމްޕަކަށް މިވަނީ. މާނައަކީ ހަމައެކަނި މި މުބާރާތަށް އެކަންޏެއް ނޫނޭ މި ތައްޔާރުވަނީ. މުސްތަޤުބަލަށް ވެސް ވިސްނައިގެން، މުސްތަޤުބަލަށްޓަކައި މި މަސައްކަތް ކުރަނީ. އެހެންވީމަ މިއީ ވަރަށް ރަނގަޅު ޗެލެންޖަކަށް ވާނެ". އުރުބާނީ ބުންޏެވެ.

މުސްތަޤުބަލަށް ވިސްނައިގެން މަސައްކަތްތަކެއް ކުރާއިރު، ޙާއްސަ ގޮތެއްގައި ޒުވާން ކުޅުންތެރިންގެ ކުރިމަގާއިމެދު ވިސްނައިގެން މަސައްކަތްތަކެއް ކުރާއިރު އެންމެ މުހިންމު ކަމަކީ، އެ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުން ކަމަށް އުރުބާނީ ބުންޏެވެ. އެހެންނަމަވެސް މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވެސް އެ ކުޅުންތެރިންނަށް އެ ފުރުސަތު ހޯދައި ނުދެވުނު ކަމަށާއި، ޓްރެއިނިން ކޭމްޕެއް ވެސް ކުރިއަށް ނުގެންދެވުނުކަން އުރުބާނީ ފާހަގަކުރިއެވެ.

ނިސްބަތުން ހަގު ސްކޮޑެއް އެކުލަވާލިކަން ފާހަގަކޮށް އަދި މިއީ މުސްތަޤުބަލަށްޓަކައި އެޅޭ ބިންގަލެއްގެ ގޮތުގައި އުރުބާނީ ފާހަގަކުރިއިރު މީގެކުރިން ޕީއެސްއެމް ނިއުސް އާ ވާހަކަދައްކަމުން އުރުބާނީ ވަނީ، ޒުވާން ކުޅުންތެރިން ބިނާކޮށް، ކުރިއެރުވުމަށް އަދި ވަގުތު ބޭނުންވާ ކަމަށާއި، ތަޖުރިބާހުރި ކުޅުންތެރިންގެ ކެރިއަރުގައި ވެސް ބާކީ އޮތީ ކިހާ ދުވަހެއްކަން ނޭނގޭއިރު މިވަގުތު މައިގަނޑު އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިވަގުތަށް ބޭނުންވާ ފަދަ ޓީމެއް އެކުލަވާލުންކަމަށް ބުނެފައެވެ.

މުބާރާތަށް އެކުލަވާލި 32 ކުޅުންތެރިންގެ ވަގުތީ ސްކޮޑަކީ ވަރަށް ތަފާތު، ޙާއްސަ ސްކޮޑެއް ކަމަށް އުރުބާނީ ބުނެފައިވެއެވެ. އެގޮތުން ސްކޮޑުގެ އެއްބަޔަކީ 30 އަހަރުން މަތީގެ ކުޅުންތެރިން ކަމަށާއި ޓީމުގެ ހަތް ކުޅުންތެރިންނަކީ 20 އަހަރުން ދަށުގެ ކުޅުންތެރިންކަން އުރުބާނީ ފާހަގަކުރިއެވެ.

20 އަހަރުން ދަށުގެ ޤައުމީ ސްކޮޑުގައި ހިމެނޭ އުއްމީދީ ކުޅުންތެރިންތަކަކަށް ސީނިއަރ ޓީމުން ފުރުސަތު ދީފައިވާއިރު އޭގެތެރޭގައި ޒުވާން ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން، ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާޙީމް ޒަކީ، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު، ޒަހުރާން ހަސަން ޒިޔާދު، ޕްރެޒިޑެންޓްސް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުޒަމް ރަޝީދު ފާޙަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، މި ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި މުހައްމަދު ނައިސަމް ނަދީމްއަށް ވެސް މިފަހަރުގެ ސްކޮޑުން ފުރުސަތު ދީފައިވެއެވެ.

ޤައުމީ ސްކޮޑުން ފުރުސަތު ލިބުނު ސީނިއަރ، ތަޖުރިބާކާރު ކުޅުންތެރިންނަށް ބަލާލާއިރު އަލީ އަޝްފާޤް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) އަދި އަމްދާން އަލީ (އޭންޑީ) އާއި އަޙްމަދު އަބްދުﷲ (ލިލީ) ފާޙަގަކޮށްލެވެއެވެ.