ލުބްނާނުގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހިންގަމުންދާ ޤަތުލުއާންމު އިތުރަށް ފުޅާކުރަން، ޔަހޫދީންގެ ޖައްބާރު ވެރިޔާ ބެންޖަމިން ނަތަންޔާހޫ އަންގައިފިއެވެ.
މިދިޔަ މަހުގެ 17ވަނަ ދުވަހުން ފެށިގެން ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދިޔަ ނަމަވެސް، ޔަހޫދީން ދިޔައީ އެ އެއްބަސްވުމާ ޚިލާފަށް ލުބްނާނުގެ އެކި ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދެމުންނެވެ.
ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާޙިދުންގެ ޖަމާޢަތް، ޙިޒްބުﷲ ނެތިކޮށްލުމުގެ ނަމުގައި ޔަހޫދީން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ފުޅާކުރަން އަންގާފައިވާނެކަމަށް ނަތަންޔާހޫ ބުންޏެވެ.
ލުބްނާނުގައި ހިންގަމުންދާ ޤަތުލުއާންމު އިތުރަށް ފުޅާކުރާނެކަމަށް ނަތަންޔާހޫ ބުނެފައިމިވަނީ، ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް ޔަހޫދީން މިއަދު ދިން ނިރުބަވެރި ޙަމަލާތުގައި ހަތަރު މީހުން ޝަހީދުކޮށްލާފައިވަނިކޮށެވެ. އެ ޙަމަލާތަކުގައި އިތުރު ތިން މީހުން ވަނީ ޒަޚަމްވެފައެވެ.
އަދި ލުބްނާނުގައި ދެކުނުގެ ޖަންގަލިތަކަށް ފޮސްފަރަސް ބޮން އަޅައި، އެތަނުގައި ޔަހޫދީން ވަނީ ރޯކޮށްލައިފައެވެ.
މާޗް 2ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 3،200އަށް އަރައިފައެވެ. އެ ޙަމަލާތަކުގައި އިތުރު 9،600 އެއްހާ މީހުން ޒަޚަމްވެ، 1.6 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ޙަމަލާތައް ދާއިމީކޮށް ހުއްޓައިލުމުގެ އެއްބަސްވުމަކަށް އެމެރިކާއިން އިސްވެ ދަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، އެފަދަ މަޝްވަރާއަކާ ހިސާބަށް ދެވޭނީ، ފުރަތަމަ ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޔަހޫދީން ފުރިހަމައަށް އިޙްތިރާމްކޮށްގެން ކަމަށް ލުބްނާނުން ދަނީ ބުނަމުންނެވެ.