ޚަބަރު

ހިމަބިހީގެ އަލާމާތްތަކަށް ހޭލުންތެރިވެ، ލަސް ނުކޮށް ފަރުވާ ހޯދާ


  • މިއަހަރު މިހާތަނަށް ރާއްޖެއިން 7 ކޭސް ފެނިފައިވޭ

  • އަވަށްޓެރި ބައެއް ޤައުމުތަކުގައި ބަލި ދަނީ ފެތުރެމުން

  • ހިމަބިއްސަކީ، ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް

ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާއިރު، މި ބައްޔާމެދު އާއްމުން ހޭލުންތެރިވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމެވެ. އަދި މިއީ ޢީދު ބަންދު ދުވަސްވަރުކަމުން ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް ޖަމާވެ، ޢީދުގެ އުފާ ފާޅު ކުރުމުގެ ހަރަކާތްތައް ބާއްވާއިރު ޞިއްޙީގޮތުން ސަމާލުކަންދޭން ޖެހޭ ކަންތައްތައް ހުރެއެވެ.

ހިމަބިހި އަކީ މީސްލްސް ވައިރަސްގެ ސަބަބުންޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިބަލި ފެތުރެނީ ނޭވާލުމުގެ ޒަރީޢާއިން، ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި މިބަލި ޖައްސާ ވައިރަސް ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 7 ކޭސް ވަނީ ފެނިފައެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހު 2 މީހުން ހިމިބިއްސަށް ޕޮސިޓިވްވެފައިވާއިރު، ހަމަ އެ ހަފުތާތެރޭގައި އިތުރު 5 ކޭސް ފެނިފައިވެއެވެ. މި ކޭސްތަކުގައި 74އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށްވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ހިމަބިއްސަކީ، ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެ ބަލި ފާހަގަވެފައިވަނީ ކޯވިޑާއި އެބޯލާ، ޓީބީއާއި ފުލޫފަދަ ބަލިތަކަށްވުރެވެސް ހަލުވިކޮށް ފެތުރޭ ބައްޔެއްގެ ގޮތުގައެވެ. މިދުވަސްވަރަކީ، ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވެސް ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާ ދުވަސްވަރެއްކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އެހެންކަމުން މި ބަލީގެ އަލާމާތްތަކާ މެދު އާއްމުން ސަމާލުވުން މުހިއްމެވެ.

ހިމަބިހީގެ އަލާމާތްތައް:

- ހުންއައުން
- ރޯގާޖެހުން
- ކެއްސުން
- ލޯ ރައްވުން
- ހަމުގައި ރަތް ބިހިތަކެއް ނެގުން (އާއްމުކޮށް ބިހިތައް ފުރަތަމަ ނަގާނީ މޫނާއި ކަރުގައި، އެއަށްފަހު މޭމަތި، ބުރަކަށި، އަތުގައި އަދި އެއަށްފަހު ފައިގައި)

ހިމަބިހި ޖެހޭތާ 4 ވަނަ ދުވަހު ހަށިގަނޑުން ތުނި ބިހި، ނުވަތަ ފެންބިހި ތަކެއް ފާޅުވާން ފަށައެވެ. މިފެންބިހިތައް ފުރަތަމަ ފާޅުވަނީ މޫނު މަތީގައެވެ. އެއަށްފަހު އަތް ފައި އަދި ބުރަކައްޓާއި މޭމަތީގައި މިބިހިތައް ނަގަން ފަށައެވެ. ގާތްގަނޑަކަށް 5 ދުވަސްވަންދެން މިބިހިތައް ދެމިހުރެއެވެ. ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން 9 މަހުގައި މީސްލްސް ވެކްސިން ދިނުމަކީ މުހިއްމު ކަމެކެވެ.

ހިމަބިހި ފެތުރޭގޮތް:

- ހިމަބިހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެ ތެރެއަށް ވައިރަސް ފެތުރިގެން ދިޔުމުން.
(ބަންދު ތަނެއްގައި ނަމަ 2 ގަޑިއެއްހާއިރު ވަންދެން ވައިގެ ތެރޭގައި ހުރޭ)

-ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައިގައި އަތްލުމުން.

-ބައްޔާއި ދެކޮޅަށް ދިފާޢީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިކްގެ 2 ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު.

މި ބަލީގެ ސަބަބުން ނިއުމޯނިއާ އާއި ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި ހާލަތްތައް ކުރިމަތިވާއިރު، އެންމެ ބޮޑު ނުރައްކަލެއް އޮތީ ވެކްސިން ފުރިހަމަނުކުރާ 5 އަހަރުން ދަށުގެ ކުދިންނަށެވެ. އެހެންކަމުން ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވޭތޯ ޔަޤީން ކުރުން މުހިއްމެވެ.

ހިމަބިހި ވެކްސިން:

- މީސްލްސް ވެކްސިންގެ ދެޑޯޒު ޖެހުމުން، ހިމަބިހި ޖެހުމުގެ ފުރުސަތު %97އަށް ކުޑަކޮށްދޭ އަދި ބަލި ޖެހުނު ކަމުގައިވިޔަސް ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ

- ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ތެރޭގައި،
-މީސްލްސް ވެކްސިން
-އެމް.އާރް (މީސްލްސް، ރުބެއްލާ) ވެކްސިން

ހިމަބިހި ފެތުރެމުންދާތީ އެޗްޕީއޭއިން އަންނަނީ، މީސްމީޑިޔާ މެދުވެރިކޮށް މިބައްޔާއި މެދު މީހުން ހޭލުންތެރި ކުރުވުމަށާއި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ހިއްސާކުރައްވަމުންނެވެ. ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ޚާއްސަ މޭޒެއް ޤާއިމުކޮށްފައެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، މިދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ ހިމަބިހީގެ އަލާމާތްތައް ފެންނަ މީހުންނަށް ޚިދުމަތްދިނުމަށް ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައިގެ އެމްބިޔުލަންސް ޕޯޓިކޯ ކައިރީގައި މިކަމަށް ޚާއްޞަ މޭޒެއް މިހާރު ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އައިޖީއެމްއެޗު ހޮސްޕިޓަލުން ވަނީ، ހިމަބިހީގެ އަލާމާތްތައް ފެންނަނަމަ ޑޮކްޓަރަށް ދައްކަން ދާއިރު މާސްކް އެޅުމަށާއި، ވީހާވެސް މަދު ބަޔަކާއިއެކު ހޮސްޕިޓަލަށް ދިޔުމަށް އިލްތިމާސް ކުރައްވާފައެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ، މި މޭޒުގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން ރޭނގަޑު 23:00އާ ހަމައަށް ލިބޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 3335335 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.

ރާއްޖެއިން މި ބަލީގެ 7 ކޭސް ފެހިފައިވާއިރު އަވަށްޓެރި ބައެއް ޤައުމުތަކުގައި މި ބަލި ދަނީ ފެތުރެމުންނެވެ. އެގޮތުން ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓުރޯލުނުކުރެވި، މި ބަލީގައި އަދި ބަލީގެ ޢަލާމާތްތަކާއެކު މަރުވި ކުދިންގެ އަދަދު 500 އަށް އުފުލިފައިވާކަން އެ ޤައުމުގެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މިއީ، ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި ހިމަބިހީގެ އެންމެ ބޮޑު ބަލިމަޑުކަމެވެ. މި ބަލި ފެތުރުން ކޮންޓުރޯލުކުރުމަށް ބަންގްލަދޭންގެ ސަރުކާރުން މިހާރު ދަނީ ވެކްސިން ޖަހައިދިނުމުގެ ބޮޑު ކެމްޕޭނެއް ހިންގަމުންނެވެ.

ހިމަބިއްސަކީ ދުނިޔޭގައި ވެކްސިން ބޭނުންކޮށްގެން ރައްކާތެރިވެވޭ ބަލިތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކުޑަކުދިން މަރުވާ އެއް ބައްޔެވެ.