ނޭޕާލްގެ ކަތުމަންޑޫގައި މިހާރު ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ތިންވަނަ މެޗުގައި، ނޭޕާލް އަތުން ބަލިވެއްޖެއެވެ. ނޭޕާލް މިމެޗު ގެންގޮސްފައިވަނީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓުތައް ގޮސްފައިވާ ގޮތަށް ބަލާއިރު، ނޭޕާލުން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނީ 12-25 އިންނެވެ. ދެވަނަ ސެޓު، 09-25 ގެ ނަތީޖާއަކުން ނޭޕާލް ޓީމުން ފަސޭހަކަމާއެކު ކާމިޔާބުކުރިއިރު، މެޗުގެ ފަހު ސެޓު ނޭޕާލުން ގެންގޮސްފައިވަނީ 20-25 ގެ ނަތީޖާއިންނެވެ.
މިބައްޔާއެކު ރާއްޖެއަށް މުބާރާތް މިވަނީ ނިމިފައެވެ. ނަމަވެސް، މުބާރާތަށް ފުރުމުގެ ކުރިން ކުޅުންތެރިންނާއި އޮފިޝަލުންވެސް ވަނީ މި މުބާރާތަކީ އުނދަގޫވާނެ މުބާރާތެއްކަން ފާހަގަކޮށް، މުބާރާތުގައި ޓީމުގެ އަމާޒަކަށް ވާނީ ރާއްޖޭގެ ރޭންކިންގ މަތިކުރުން ކަމަށް ބުނެފައެވެ.
މިކަމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މުބާރާތުގެ ތެރެއިން ރާއްޖޭގެ ގައުމީ އަންހެން ޓީމު ވަނީ ތާރީހުގެވެސް ފުރަތަމަ ފަހަރަށް ވޮލީބޯޅައިގެ ދުނިޔޭގެ މައި އިދާރާ، އެފްއައިވީބީގެ ރޭންކިންގައި ހިމެނިފައެވެ. ދުނިޔޭގެ ރޭކިންގަށް ބަލާއިރު، ރާއްޖެއަށް ލިބިފައި އޮތީ 63 ވަނަ އެވެ. އަދި އޭޝިއާ ސަރަހައްދުން ރާއްޖެ ރޭންކުކޮށްފައިވަނީ 12 ވަނައިގައެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު އެއްވަނަ ލިބެނީ ނޭޕާލަށެވެ. ރާއްޖެއަށް ދެވަނަ ލިބޭއިރު ތިންވަނަ ލިބެނީ ބަންގްލަދޭޝްއަށެވެ. އަދި އިންޑިއާ އޮތީ ހަތަރުވަނައިގައެވެ. ދެކުނު އޭޝިއާގެ ސްރީ ލަންކާ، ޕާކިސްތާން އަދި ބޫޓާން އަށް ރޭންކިން އިން ފުރުސަތު ލިބިފައިނުވެއެވެ.
ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ ޕޫލް އޭ ގައެވެ. މި ގުރޫޕްގައި ދެން ހިމެނިފައިވަނީ އިންޑިއާ، ކިރްގިސްތާން އަދި ނޭޕާލެވެ. ޕޫލް ބީގައި ހިމެނެނީ ބަންގްލަދޭޝް، ސްރީލަންކާ، ކަޒަކިސްތާން އަދި އީރާނެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ މިމަހު 28ގައެވެ. އަދި ފައިނަލް މެޗާއިއެކު ނިންމުމުގެ ރަސްމިއްޔާތު ބާއްވަން ތާވަލުކޮށްފައިވަނީ 29 ވަނަ ދުވަހުގެ ހަވީރަށެވެ.