ޚަބަރު

"މަހަށް ރަނގަޅު އަގެއް ހޯދަން ބައިނަލްއަޤްވާމީ މަންސަތައް މުހިންމު"


  • ރާއްޖެއިން މަސްވިއްކާ ޤައުމުތައް މި މަންސަތަކުގައި ހަރަކާތްތެރިވޭ

  • ރާއްޖޭގައި ބޭއްވި އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން ކާމިޔާބު

  • ދުނިޔޭގެ މަސްވެރި ސިޔާސަތު ކަނޑައަޅާއިރު ރާއްޖެއަށް މަޑުން ތިބެވެން ނެތްކަމަށް ވަޒީރު ވިދާޅުވި

ދުނިޔޭގެ މަސްވެރި ސިޔާސަތު ކަނޑައަޅާ މަންސަތަކުގައި ދިވެހިރާއްޖެ ހަރަކާތްތެރިވާކަމަށާއި އެކަމުން ނަތީޖާވެސް ނެރެވޭ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މަސްވެރިކަމުގެ ދައިރާއިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ހަރަކާތްތެރި މިންވަރަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ ދުނިޔޭގެ މަސްވެރި ސިޔާސަތު ކަނޑައެޅުމުގެ މަންސަތަކަށް ބަލާއިރު ރާއްޖެއަކީ އަޑުގަދަ ޤައުމެއް ކަމަށެވެ. ރާއްޖެއިން މި މަންސަތަކުގެ ހަރަކާތްތެރިވާ މިންވަރު އިތުރުވާ ސަބަބު ފާހަގަކޮށް ވަޒީރު ވިދާޅުވީ، ރާއްޖޭގެ މަހަށް ހަމައަގެއް ހޯދުމަށް މިމަންސަތައް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

"ދުނިޔޭގައި ވަކިން ހާއްސަކޮށް މަސްވެރި ޕޮލިޓިކްސްގައި ދިވެހިރާއްޖޭގެ އަޑަކީ ވަރަށް ވަރުގަދަ އަޑެއް. ރާއްޖޭގެ މަހަށް ރަނގަޅު އަގެއް ހޯދުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ބޮޑު ޓެރިފްތައް އަޅުވާފައި ހުރި ޤައުމުތަކާއެކު ރަނގަޅު ގުޅުމެއް ބާއްވައިގެން އެ ޓެރިފްތައް ދަށްކޮށް އެ ޓެރިފްތައް ޒީރޯ ކުރުމުގެ މަސައްކަތް. މިކަންތަކަށް ވާސިލްވުމަށް ވަރަށް ގިނަ ކަންކަން ކުރަންޖެހޭ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ރާއްޖެއިން މި މަޤްޞަދު ހާސިލްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ދާދި ފަހުން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވާފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ. މި ބައްދަލުވުމުގެ ރިޔާސަތުވެސް ރާއްޖެއިން ބަލަހައްޓާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ހުށަހެޅުނު ކަންކަމުގެ 7 ހުށަހެޅުމުގެ ތެރެއިން 3 ހުށަހަޅުމަކީ ރާއްޖޭގެ ހުށަހެޅުންތައްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ހުށަހެޅުންތައް ފާސްވެގެން ދިޔަ ކަމަށެވެ. މިފަދަ ބައްދަލުވުންތަކުގައި ރާއްޖެއިން މަސްވިއްކާ ޤައުމުތަކާޢި، އަދި ސިނާޢަތުގައި ރާއްޖޭގެ ވާދަވެރި ޤައުމުތައް ބައިވެރިވާއިރު ރާއްޖޭގެ ބައްދަލުވުން ބޭއްވުމުން ސިނާޢަތުގެ މުހިންމުކަމާއި ރާއްޖެ ދައްކާވާހަކަތައް އެފަރާތްތަކަށް ވެސް ހާމަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭނުންވާ ކަންކަން ހާސިލްވާނީ މި ފަދަ މަންސައްތަ މެދުވެރިކޮށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅިގެންދާއިރު މިއަދު އަޅުގަނޑުމެންނަށް މަޑުން ތިބެގެން ބޭނުންވާ ކަންތައް ހާސިލް ނުކުރެވޭނެ ވަރަށް ބޮޑަށް ހުންނަނީ، އޭގެ ތެރޭގައި އަޅުގަނޑުމެން ކޮންޓްރިބިއުޓްކޮށްގެން ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގައި އެފަދަ ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތްތަކަށްވެސް މަސްވެރި ސިނާޢަތަށްވެސް، ވަރަށް ބޮޑު ބާރެއް ލިބިގެން ދިޔަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ. " ވަޒީރު ވިދާޅުވިއެވެ.

އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން މި މަހުގެ ކުރީ ކޮޅު ރާއްޖޭގައި ބޭއްވި އިރު މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުން 250 ބައިވެރިން ބައިވެރިވެފައިވެއެވެ. މިފަހަރު ބައްދަލުވުމުގައި ސަރުކާރުން އަދި ރައީސްވެސް އެންމެ އިސްކަމެއް ދެއްވީ ބޮޑު ކަންނެލި މަސްވެރިކަމަށް ރާއްޖެއަށް އިންޑިއާ ކަނޑުން ލިބިފައި އޮންނަ ކޯޓާ ދަށް ނުކޮށް ދަމަހައްޓަންކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަހަރު ރާއްޖެއިން އެކަން ހާސިލްކުރިއިރު މިއީ ރާއްޖޭގެ ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ތަރައްޤީއަށް ރޭވިފައި ހުރި ކަންކަމަށް މުހިންމު ނިންމުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.