ޚަބަރު

ޙައްޖުވެރިންގެ ރައްކާތެރިކަމަށް، އޭއައި ޓެކްނޮލޮޖީ


މި އަހަރުގެ ޙައްޖު މޫސުމުގައި ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ޑްރޯންއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޒަމާނީ ސާވައިލަންސް ޓެކްނޮލޮޖީ ބޭނުން ކުރަމުންދާ ކަމަށް އެ ޤައުމުގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

ރިޕޯޓުތަކުގައި ބުނާ ގޮތުގައި ސަޢުދީ ޢަރަބިއްޔާއިން މި ޓެކްނޮލޮޖީ ބޭނުން ކުރާނީ ބައިބޯ ސަރަޙައްދުތައް ފާހަގަކުރުމަށާއި ޤަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތައް ދެނެގަތުމުގެ އިތުރުން މުޤައްދަސް ސަރަޙައްދުތަކަށް ޙުއްދަ ނެތި މީހުން ވަނުން ހުއްޓުވުމަށް ކަމަށެވެ. އެ ޓެކްނޮލޮޖީއަކީ ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ޤާއިމްކޮށްފައިވާ ވަށާޖެހޭ އަދި ރޭވުންތެރި ނިޒާމެއްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ވެސް ބުނެފައިވެެއެވެ. ޑްރޯންއާއި ޑްރޯންފަދަ ވަޞީލަތްތަކުން ޤަވާއިދާ ޚިލާފުވާ މީހުން ފާހަގަކޮށް ހައްްޔަރުކުރުމަށް އެހީތެރިވެދޭނެއެވެ. ޙައްޖުވުމަށް ހޯދަންޖެހޭ ޚާއްޞަ ޙުއްދަ ނުހޯދާ ޙައްޖުވުމަށް ސަޢުދީ ޢަރަބިއްޔާއިން ފުރުޞަތެއް ނުދެއެވެ.

އެ ނިޒާމުގެ ތެރޭގައި ސްމާޓް ސާވެއިލަންސް ވިއުގަތަކާއި ހައި ރިޒޮލިއުޝަން ކެމެރާތަކުގެ އިތުރުން ތާމަލް އިމޭޖިން ޑިވައިސްތައް ވެސް ބޭނުންކުރާނެއެވެ.

އޭގެ އިތުރުން ތޮއް ޖެހުމުގެ ކުރިން ތޮއް ޖެހުން ހުއްޓުވުމަށް ސަޢުދީ ޢަރަބިއްޔާއިން އޭއައި ޓެކްނޮލޮޖީ ހިމެނޭ ޚާއްޞަ ނިޒާމެއް ބޭނުންކުރާނެއެވެ. އެ ނިޒާމުން ބައިބޯ ސަރަޙައްދުތަކަށް އިތުރު މީހުން ޖަމާވިޔަ ނުދިނުމަށް އެހެން މަގުތައް ބޭނުން ކުރުމަށް ޙައްޖުވެރިންނަށް އިރުޝާދު ދޭނެއެވެ. އަދި ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޙައްޖުވެރިން ދެނެގަތުމުގެ އިތުރުން އެ ޓެކްނޮލޮޖީއިން ސަލާމަތީ ކަންކަން ވަރުގަދަކޮށްދޭނެއެވެ.

މި އަހަރުގެ ޙައްޖު ދުވަހަކީ 26 މެއި ވާ އަންގާރަ ދުވަހެވެ. އަދި އަޟްޙާ ޢީދު ދުވަހަކީ 27 މެއި ވާ ބުދަ ދުވަހެވެ. ކޮންމެ އަހަރަކު ވެސް މިލިއަނަކަށްވުރެ ގިނަ މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވާއިރު، މި އަހަރު 1.5 މިލިޔަން މީހުން ޙައްޖުގެ ފަރުޟު ޢަދާ ކުރާނެ ކަމަށް ބެލެވެއެވެ.