ޚަބަރު

ޢީދު ބަންދުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ


  • ޢީދު ދުވަހު އިމިގްރޭޝަންގެ އޮފީސްތައް ބަންދުވާނެ

  • ރަށްރަށުން ޕާސްޕޯޓު ހަދަން ނަމްބަރު ދޫކުރާނީ 24 އަދި 25ގައި

މިއަހަރުގެ ހައްޖު ދުވަހާއި އަޟްހާ ޢީދާއި ގުޅިގެން ސަރުކާރު ބަންދުވިނަމަވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަން ސަރވިސްއިން ވިދާޅުވެެއްޖެއެވެ.

އިމިގްރޭޝަނުން ވިދާާޅުވީ، މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ހައްޖު ދުވާހާއި ޢީދު ބަންދުގައި މާލެ، ހުޅުމާލެ، އައްޑޫ ސިޓީ އަދި އަތޮޅު ތެރޭގައި ހުންނަ އިމިގްރޭޝަންގެ އޮފީސްތަކުން މިޚިދުމަތް ދިނުމަށް ވަކި ތާވަލެއް ކަނޑައަޅާފައިވާ ކަމަށެވެ. މިތާވަލަށް އަމަލުކުރާނީ، 29 ވަނަ ދުވަހާއި ހަމަޔަށެވެ.

ނަމަވެސް މިމަހުގެ 27 ވާ ބުދަ ދުވަހަކީ އަޟްހާ ޢީދު ދުވަސް ކަމަށްވާތީ މިދުވަހު އިމިގްރޭޝަންސްގެ ހުރިހާ އޮފީހެއް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއްވައެވެ. އެހެންނަމަވެސް އިމުގާ ޕޯޓަލް imuga.immigration.gov.mv/passport މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ހުޅުމާލެ އަދި އައްޑޫ ސިޓީގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ، 24 ވާ އާދީއްތަ ދުވަހުން ފެށިގެން 28ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 16:00 އަށް ކަމަށެވެ. އަދި 29 ވާ ހުކުރު ދުވަހު ޚިދުމަތް ދޭނީ، 09:00 އިން 11:00 އަށް ކަމަށެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި އަތޮޅުތެރޭގެ އޮފީސްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ހއ. ދިއްދޫ، ލ. ފޮނަދޫ، ނ. ފުނަދޫ، ދ. ކުޑަހުވަދޫ އަދި ބ. އޭދަފުށީގައި ހުންނަ އޮފީސްތަކުން ޕާސްޕޯޓު ދޫކުރާނީ، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 08:30 އިން 16:00 އަށް ކަމަށެވެ. މި ތަންތަނުންވެސް ހުކުރު ދުވަހު ޚިދުމަތް ދޭނީ، 09:00 އިން 11:00 އަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ، އަތޮޅުތެރޭގެ ރަށްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް 24 އަދި 25 ވަނަ ދުވަހު ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި 2 ދުވަހުވެސް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ، ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. މީގެއިތުރުން މެޑިކަލް އެމަރޖެންސީ ފަދަ ޚާއްސަ ހާލަތްތަކުގައި ޕާސްޕޯޓުގެ ޚިދުމަތަށް އެދި ގުޅުއްވާނީ، 955333 ނަންބަރު ފޯނަށް ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއްވައެވެ.

އިމިގްރޭޝަނުން ކޮންމެ އަހަރަކުވެސް ފިތުރު އަދި އަޟްހާ ޢީދުގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ދެނީ، ރައްޔިތުންނަށް ދަތި ނުވާނެހެން ތާވަލަށް ބަދަލުތަކެއް ގެނެސްގެންނެވެ.