މިހާރު ކުރިއަށްދާ ރީޖަނަލް ލީގުތަކުގެ ތެރެއިން ސެންޓްރަލް ލީގުގައި އިއްޔެ ދ.ކުޑަހުވަދޫ އާއި ހއ.ހުރާ ބައްދަލުކުރި މެޗުގައި ކާޑު ހަމަވެފައިވާ ކުޅުންތެރިންތަކެއް ބޭނުންކުރި މައްސަލައެއް ފެންމަތިވެ، ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އިން އެކަން ރަސްމީކޮށް ބަލަން ފަށައިފިއެވެ.
އިއްޔެގެ މެޗަކީ ސެންޓްރަލް ލީގުގެ އެއްވަނަ ލިބޭނެ ޓީމު ކަށަވަރު ކުރުމަށް މުހިންމު މެޗެއްކަން ފާހަގަކުރެވެއެވެ. މެޗަށް ނުކުތްއިރު ތާވަލުގެ އެއްވަނައިގައި ހުރާ އޮތީ ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ކުޑަހުވަދޫ ދެވަނައިގައި އޮތީ 8 ޕޮއިންޓާއެކުއެވެ. މިމެޗު އެއްވަރުވެއްޖެނަމަ، ނުވަތަ ހުރާ މޮޅުވެއްޖެނަމަ ޗެމްޕިއަންކަން ލިބޭނީ އެޓީމަށެވެ. އެހެންކަމުން ކުދަހުވަދޫއަށް މިމެޗު ވެފައި އޮތީ މޮޅުވުން މަޖުބޫރު މެޗަކަށެވެ.
މެޗުގެ 90 މިނެޓު ހަމަވިއިރު ކަން ވެފައިވެސް އޮތީ އެހެންނެވެ. ހޯމް ސަޕޯޓަރުންގެ ފަރާތުން ކެނޑިނޭޅި ލިބުނު ހިތްވަރާއެކު ކުޑަހުވަދޫ ޓީމުން 1-4 ގެ ނަތީޖާއިން މެޗު ކާމިޔާބުކުރިއެވެ. ނަމަވެސް، މެޗު ފެށުމުގެ ކުރިންވެސް ޖެހިފައި އޮތް މައްސަލައެއް އެހާ ހިސާބުން އިތުރަށް ހޫނުވިއެވެ.
އެފްއޭއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން މި މައްސަލައަކީ، މެޗަށް ސަސްޕެންޑުވެފައިވާ ކުޅުންތެރިންތަކެއް މެޗުގައި ބޭނުންކޮށްފައިވާ މައްސަލައެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ ކުޑަހުވަދޫގެ ޖަރޒީ ނަންބަރު 14 މުޙައްމަދު ޝަފްރާން މުޙައްމަދު ރިޒްމީގެ އިތުރުން އެޓީމުގެ ޖަރޒީ ނަންބަރު 30 އަރީފް މަޙްމޫދެވެ. މި ދެކުޅުންތެރިންނަކީވެސް ކާޑު ހަމަވެގެން މެޗަށް ސަސްޕެންޑުވެފައިވާ ދެ ކުޅުންތެރިން ކަމަށް މީސް މީޑިއާގައި ހުރާ ސަޕޯޓަރުން ދަނީ ޝަކުވާކުރަމުންނެވެ.
އެފްއޭއެމުން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެފްއޭއެމްގެ މުބާރާތްތަކާބެހޭ ކޮމިޓީން މިމައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި، މިކަމާ ގުޅޭގޮތުން ރަސްމީ ނިންމުމެއް މިއަދުގެ ވަގުތެއްގައި ހިއްސާކުރާނެ ކަމަށެވެ.
މުބާރާތުގެ ގަވާއިދު ބުނާގޮތުން ޓީމުގެ އެއްވެސް ކުޅުންތެރިއަކު ސަސްޕެންޝަނުގައި ހުރިނަމަ، އެކަން މެޗު ކޮމިޝަނަރަށް އެންގުމަކީ ޓީމުގެ ޒިންމާއެކެވެ. ކުޅުންތެރިންނަށް ދައްކާފައިވާ ކާޑުގެ އަދަދު ފަދަ ކަންކަން ބެލެހެއްޓުން މި މުބާރާތުގައި މެޗު އޮފިޝަލުން އަދި އެފްއޭއެމަށް މަތިކޮށްފައެއް ނުވެއެވެ.
މެޗަށް ސަސްޕެންޝަންގައި ތިބިކަމަށް ބުނާ ދެ ކުޅުންތެރިންވެސް ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ.