ޚަބަރު

ޖެޓް ފިއުލް އަގުހެޔޮ ކުރުމުން ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތައް އިތުރު


  • ދާއިރާގެ ހިއްސާދާރުންނާއެކު ކުރި މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން

  • އަހަރުގެ ފަހުކޮޅު ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ

އެއާލައިންތައް ރާއްޖެއަށް ގެނައުމަށް ޖެޓް ފިއުލުގެ އަގުހެޔޮ ކުރުމުން ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތަކުގެ އަދަދު އިތުރުކުރެވިފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ ދަތިތަކަށް ޙައްލެއް ގެނައުމަށް ޚާއްސަ އިސްކަމެއްދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާވެސް މިހާރު ފެންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާތަނަށް ކުރި މަސައްކަތްތަކުން ހާސިލުކުރި ކާމިޔާބީތަކުގެ ތަފުސީލަށް އަލިއަޅުވައިލައްވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމަ ފެށުނުއިރު ކޮންމެ ހަފުތާއަކު އެވެރެޖުކޮށް 99 ފުލައިޓު ކެންސަލުވަމުން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެ ނިސްބަތް 70އަށް ދަށްކުރެވިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެއީ 22 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

"އަޅުގަނޑު ކުރިއެރުމެއް ކަމުގައި ދަންނަވަނީ ކުރިން ހުރި ސްޓޭޖަށް ގެނެވުނު ވާހަކައެއް ނޫން. 90 ވަރަކަށް ފުލައިޓު ކެންސަލްވެގެން ގޮސްފައި އޮތީ ފުރަތަމަ ދުވަސްކޮޅު. ނަމަވެސް މިހާރު ގަލްފުގެ މޭޖާ ކެރިއާތަކުންވެސް އޮޕަރޭޓުކުރަން ފަށައިފި. އެމިރޭޓްސްއިންވެސް އޮޕަރޭޓުކުރަން ފަށައިފި. ގަތަރު އެއާވޭސްކުރަން ފަށައިފި. މޭޖާ ފަސް އެއާލައިނުވެސް ރާެއްޖެއަށް އޮޕަރޭޓުކުރޭ." ވަޒީރު ވިދާޅުވިއެވެ.

ހޫނު މޫސުމުގައި ދަތުރުކުރާ ފުލައިޓުތަކުގެ ތާވަލު އެކުލަވާލަމުންދާއިރު، މަތިންދާ ބޯޓުތައް އޮޕަރޭޓު ކުރާ މިންވަރަށް ބަލާއިރު ރާއްޖެއަށް ގެންނަ ފަސިންޖަރުންގެ އަދަދު ނިމުނު އަހަރަށްވުރެ ދެ އިންސައްތަ އިތުރުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖެޓް ފިއުލް ވިއްކަމުންދާ އަގު ލީޓަރެއް 1.9 ޑޮލަރުން 1.6 ޑޮލަރަށް ދަށްކޮށްފައިވާ ކަމަށާއި، އެއީވެސް ރާއްޖެއަށް އަންނަ އެއާލައިންތައް އިތުރު ކުރުމަށް ބާރުއެޅުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މި މުއްދަތުގެ ތެރޭގައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ތަފާސްހިސާބުތަކަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތް މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 22 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. އަދި އެޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 26 އިންސައްތަ ދަށްވެފައިވާ ކަމަށެވެ.

މީގެ އިތުރުން، މިމަހުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތް ކުރި ނިސްބަތް މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވިނަމަވެސް، ކުރީ މަަސްތަކާއި އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، މިއީ މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގެ ތެރޭގައި، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރަށް މި ދާއިރާގެ ހިއްސާދާރުންނާއެކު ކުރި މަސައްކަތުން ހާސިލުކުރެވުނު ކާމިޔާބެއް ކަމަށެވެ. އަދި އުންމީދަކީ މިހާރު ސަރުކާރާއި ސިނާއަތުގެ ބައިވެރިންނާއެކު ކުރާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އަހަރުގެ ފަހުކޮޅު ފަތުރުވެރިން އަންނަ މިންވަރު އިތުރުވުން ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު އަމީން ވިދާޅުވީ، މިހާރު އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ޤައުމީ އެއާލައިންގެ ސީދާ ދަތުރުތައް ފެށިފައި އޮތުމަކީވެސް އޭގެ ސަބަބުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ފައިދާތަކެއްވާނެ ކަމެއް ކަމަށެވެ. އަދި މެލްބަންއިން މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓު މިއަދު މާލެއައިއިރު، 92 އިންސައްތަ ފުރިފައިވުމަކީވެސް ކުރިމަގުގައި މިކަމުގެ ފައިދާ ބޮޑުކަން ހާމަކޮށްދޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.