އަމާޒަކީ އައު އީޖާދުތަކާއެކު މުޅި ރާއްޖޭއަށް މަންފާކުރަނިވި ނަތީޖާތަކެއް ހާސިލުކޮށްދިނުންކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ، "ކޮލެބް 26" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން ޓެކްނޮލޮޖީ ދެކެނީ ހަމައެކަނި ހިންގުމުގެ ނިޒާމު ހަރުދަނާކުރާ ވަސީލަތެއްގެ ގޮތުގައިނޫންކަމަށެވެ. އޭގެ ބަދަލުގައި، މިއީ އިޤުތިޞާދީ ގޮތުން އެންމެން ބައިވެރިކުރުވުމަށާއި ދުރު ރާސްތާގެ ތަރައްޤީއަށް ޤައުމީ ފެންވަރުގައި މަގުފަހިކޮށްދޭ މުހިންމު ބާރެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ.
ޤައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްގެ ދައުރަކީ ހަމައެކަނި މާލީ ޚިދުމަތްތައް ފޯރުކޮށްދިނުން ނޫންކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ޤައުމީ ކުރިއެރުމަށް އެހީތެރިވުމާއި، އިޤުތިޞާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމާއި، އަދި އައު އީޖާދުތަކުގެ ސަބަބުން މުޅި ރާއްޖޭގެ މުޖުތަމަޢުތަކަށް މަންފާކުރަނިވި ނަތީޖާތަކެއް ހާސިލުކޮށްދިނުމަކީ އެ ބޭންކުގެ މަސްއޫލިއްޔަތެއްކަމަށެވެ.
"ރާއްޖޭގެ ބޭންކިންގް ދާއިރާއަށް އައިސްފައިވާ ބަދަލަކީ ޓެކްނޮލޮޖީގެ ސަބަބުން އައި އިންގިލާބީ ބަދަލެއް. ގާތްގަނޑަކަށް 1,200 އަށްވުރެ ގިނަ ރަށްތަކަށް ބެހިފައިވާ މި ޤައުމުގައި، ބޭންކުގެ ޚިދުމަތް ހޯދުމަށް އެއްދުވަސްވަރެއްގައި ދިގު ދަތުރުތައްކޮށް، ގިނަ ކަރުދާސްތަކެއް ފުރައި، ގިނަ ވަގުތު ހޭދަކުރަން ޖެހުނު. ނަމަވެސް، މިއަދު ޑިޖިޓަލް ބޭންކިންގް އޮނިގަނޑާއި، އޮޓޯމޭޝަން އަދި މަޢުލޫމާތާއި ހިސާބުތަކުގެ އެހީގައި ފޯރުކޮށްދޭ ޚިދުމަތްތަކާއެކު، ކޮންމެ ތަނެއްގައި ހުރި ކަމުގައިވިޔަސް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ބޭންކުގެ ޚިދުމަތްތައް ފަސޭހައިން ލިބެން އެބަހުރި." ސީއީއޯ ވިދާޅުވިއެވެ.
ބީއެމްއެލްއާއި މައިންޑްކޯ ގުޅިގެން އަލަށް ތައާރަފްކުރި ކޮމްޕިޓެންސީ ސެންޓަރުގެ މަޤްޞަދަކީ، އުނގެނުމާއި، ގުޅިގެން މަސައްކަތްކުރުމާއި، ތަޖުރިބާކުރުމާއި، އަދި އައު އީޖާދުތަކަށް ފުރުސަތުތަކެއް ހުޅުވާލައިގެން، އަލަށް އުފެދޭ މިފަދަ ޓެކްނޮލޮޖީތަކަށް ޤައުމީ ފެންވަރުގައި އަހުލުވެރިވުމަށް އެހީތެރިވެދިނުންކަމަށް ސީއީއޯ ވިދާޅުވިއެވެ. އުންމީދަކީ ދިވެހި ހުނަރުވެރިން ބިނާކުރުމަށް އެހީތެރިވުމާއި، ވިޔަފާރިތަކާއި އިދާރާތައް ބާރުވެރިކުރުވުމާއި، އަދި ރާއްޖޭގައި ވަރުގަދަ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމަށް ހިއްސާވުންކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި، އޭއައި އަދި ޑޭޓާގެ އެހީގައި މާލީ ދާއިރާ، ފަތުރުވެރިކަން، ތަޢުލީމު، އިދާރީ ހިންގުން އަދި ތިމާވެށީގެ ދެމެހެއްޓެނިވިކަން ފަދަ ދާއިރާތަކަށް މަންފާކުރަނިވި ބަދަލުތަކެއް ގެނެވޭނެ ގޮތްތަކާ ބެހޭގޮތުން ދާއިރާގެ މާހިރުންގެ ވާހަކަތައް އަޑުއިވިގެންދާނެކަން ފާހަގަކުރެއްވިއެވެ. 'ކޮލެބް 26 ހެކަތަން' ފަދަ ހަރަކާތްތަކުން އަމަލީ ގޮތުން ބޭނުންކުރެވޭނެ އީޖާދީ މަސައްކަތްތަކަށް ހިތްވަރުލިބި، ޤައުމީ ގޮންޖެހުންތަކަށް ހަޤީޤީ ހައްލުތަކެއް ހޯދުމަށް އައު ޚިޔާލުތަކަށް ފުރުސަތު ލިބިގެންދާނެކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.