ޚަބަރު

ސަލާމަތީ ދާއިރާއިން ގުޅުން ހަރުދަނާކުރަން ޕޮލިސް ކޮމިޝަނަރު މިޞްރަށް


  • ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ

ދިވެހިރާއްޖެއާއި މިސްރާ ދެމެދު ސަލާމަތީ ގޮތުން އޮންނަ ގުޅުން ހަރުދަނާކޮށް، ދެގައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިސްރަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިސްރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިންތިޒާމުކޮށްގެން މިމަހުގެ 17 އިން 21އަށް ކުރިއަށްގެންދާ މި ދަތުރުފުޅުގައި، ދެ ގައުމުގެ މެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ދަތުރުފުޅުގައި، މިސްރުގެ ނޭޝަނަލް ސެކިއުރިޓީ ސެކްޓަރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރިހެބިލިޓޭޝަން އެންޑް ކަރެކްޝަނަލް ފެސިލިޓީތަކަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންތެރި ދާއިރާތަކުން ތަމްރީނުދޭ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ސަބަބުން މިސްރުގެ އިންޓީރިއާ މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ސަލާމަތީ ކަންކަމާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.