ތަރައްްޤީ

ނައިފަރު ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ


ޅ. ނައިފަރު ފެނާއި ނަރުދަމާގެ ނިޒާމުގެ ޢަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯއްދަވަން އިޢުލާންކުރައްވައިފިއެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވީ މި ދެ މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުޞަތު މިއަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުއްވާލައްވާފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރްމަންޓް އެންޑް އެނަރޖީއިން ކުރިއަށްގެންދަވާ މި ދެ މަޝްރޫޢުގެ ތެރެއިން ނަރުދަމާގެ މަޝްރޫޢަކީ އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑުގެ ލޯން އެހީއާއި ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރައްވައިގެން ހިންގެވުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. އަދި ނައިފަރު ފެނުމުގެ މަޝްރޫޢަކީ އޯޕެކް ފަންޑު ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ފަންޑުގެ ލޯން އެހީއާއި ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރައްވައިގެން ހިންގެވުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ނައިފަރުގައި ނަރުދަމާގެ ވިއުގައެއް ޤާއިމުކުރައްވައި ރަށުގެ ގޭބިސީތަކަށާއި އެހެނިހެން ޢިމާރާތްތަކާ ގުޅާލެވޭނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މީރުފެން އުފައްދާ ފެން ޕްލާންޓާއި ފެން ރައްކާކުރާ ތާނގީގެ އިތުރުން ފެނުގެ ވިއުގައެއް ޤާއިމުކޮށް ރަށުގެ ހުރިހާ ގޭބިސީތަކަށާއި އެހެނިހެން ޢިމާރާތްތަކަށް ފެން މީޓަރު ގުޅައިދެވޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.