ޚަބަރު

އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފި


  • އެމްއެންޑީއެފްއިން ވަނީ އޮޕަރޭޝަން ރާވާލާފައިވާގޮތް ހިއްސާކުރައްވާފައި

  • ގެއްލުނު 5 މީހުންގެ ތެރެއިން މިހާތަނަށް ފެނުނީ އެކަކު

  • ޑައިވަރުން ހޯދުމަށް ހިންގާ އޮޕަރޭޝަނަކީ ހައި ރިސްކު އޮޕަރޭޝަނެއް

ފެލިދެއަތޮޅުގައި ފީނަން ދިޔަ އިޓަލީ ވިލާތުގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، ޑައިވަރުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އޮޅުންފިލުއްވައިފިއެވެ.

އެގޮތުން، ކަމާބެހޭ ފަރާތްތަކުން އެސަރަހައްދުގައި ގާއިމުވެތިބެގެން މީހުންހޯދައި ސަލާމަތްކުރުމަށް ފައްޓަވާފައިވާ މަސައްކަތުގެ ތަފްސީލީ މަޢުލޫމާތު އެ އިދާރާތަކުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާބެހޭ ފަރާތްތަކާއި ފީނުމުގެ ދާއިރާގެ އެކިއެކި މަސްޢޫލުވެރިންނާ ގުޅިގެން ކުރިއަށްގެންދާ މި ބޮޑު މަސައްކަތުގައި އެފަރާތްތަކަށް ބޭނުންވާނެ އެންމެހައި ކަންކަން ހަމަޖައްސަވައިދެއްވުމަށްޓަކައި ސަރުކާރުގެ ފަރާތުން އެއްބާރުލުންދެއްވައި އެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންދެއްވައި، މި މަސައްކަތުގައި އުޅުއްވާ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

މިއޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވ.އަތޮޅުގައި އޮޕަރޭޝަން ކުރިއަށްދާ ސަރަޙައްދަށް ކުރެވި ދަތުރުފުޅުގައި، އަރިހުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ވަޒީރު މުޙައްމަދު އަމީންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.


ރައީސުލްޖުމްހޫރިއްޔާވަނީ މިޙާދިސާގައި ގެއްލުނު މީހުންގެ ޢާއިލާތަކަށާއި އިޓަލީ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މިހާތަނަށް ފެނިފައިނުވާ 4 މީހުން ހޯދުމުގެ މަސައްކަތް ޚާއްސަ އިސްކަމެއްދެއްވައިގެން ދިވެހި ސަރުކާރުން ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަންވެސް ރައީސްވަނީ ދެއްވާފައެވެ. މިއޮޕަރޭޝަންގައި އިޓަލީ ސަރުކާރުން ދެއްވާ އެއްބާރުލެއްވުމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާވަނީ އިޓަލީގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 13:45 ހާއިރެވެ.

އެ މަޢުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށާފައެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.

މި ޙާދިސާގައި ގެއްލުނު އިޓަލީވިލާތުގެ 5 ރައްޔިތުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު ވަނީ މޫދު އަޑިން ފެނިފައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށެވެ.

މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ބޭރުންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ކޭވް ހިމެނޭ ސަރަޙައްދަކީ އާންމުކޮށް ރާއްޖެ އަންނަ ފަތުރުވެރިންނާއި، ޑައިވަރުންވެސް ޑައިވްކޮށް އުޅޭ ސަރަޙައްދަށްވުރެ ފުން، އަދި ޚާއްސަ އާލާތްތަކެއް ހިފައިގެން ނޫނީ ޑައިވްކުރެވޭ ހިސާބެއްނޫނެވެ.

މިއީ ޕްރޮފެޝަނަލް ޑައިވަރުންނަށް ސަލާމަތާއި ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކާ އެކުގައި ނޫނީ ނުދެވޭހާ އަޑީގައި ހިމެނޭ ސަރަޙައްދެކެވެ. ކޭވް ފެށެނީ 45 މީޓަރު އަޑިންނެވެ. އަދި ކޭވްއިން ނިކުމެވޭއިރު 60 މީޓަރު އަޑިއަށް ދެވެއެވެ.

ޑައިވަރުން ހޯދުމަށްޓަކާ އެމްއެންޑީއެފްއިން ކުރިއަށްގެންދާ ޚާއްސަ ސަރޗް އޮޕަރޭޝަންގެ ތެރެއިން ފުރަތަމަ ސަރޗް ޑައިވް މިހާރު ވަނީ ނިންމާލާފައެވެ. ފުރަތަމަ ޑައިވްގައި ކޭވް ހުޅުވޭ ހިސާބަށް ގޮސް، އެތަން ލޮކޭޓްކޮށް ބެލޫން ލާ، ވަކި ހިސާބަކަށް އަޑިއަށްގޮސް ވަނީ ބަލާފައެވެ. އަދި ދެވަނަ ޑައިވްއަކަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު މި ދުވަސްވަރަކީ ރާއްޖޭގެ މޫސުންވެސް ގޯސް ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.

މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނެއްކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކުރައްވާފައެވެ. މި އޮޕަރޭޝަން ހިނގާ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އަންނަނީ ހަރަކާތްތެރިވަމުންނެވެ.