އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި ކުރިއަށްދާ ބްރިކްސްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ކުށްވެރިކުރުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ގޮވައިލައްވައިފިއެވެ. ހުޅަނގު އޭޝިޔާގައި އެމެރިކާއިން އިސްވެ ފެށި ހަނގުރާމައާއި ތެލާއި ގޭހުގެ ދަތިކަމުގެ މައްސަލައަށް ނަޒަރު ހުއްޓިގެންދިޔަ ބައްދަލުވުމުގައި، ޢަރާޤިޖީ ވަނީ ހުޅަނގުގެ ނުފޫޒާ ދެކޮޅަށް ތެދުވުމަށް ބްރިކްސް ޕްލަސްގެ މެންބަރު ޤައުމުތައް ކަމުގައިވާ ބްރެޒިލް، ރަޝިޔާ، އިންޑިޔާ، ޗައިނާ، ދެކުނު އެފްރިކާ، މިޞްރު، އިތިއޯޕިޔާ، އިންޑޮނޭޝިޔާ އަދި އެކުވެރި ޢަރަބި ޢިމާރާތަށް (ޔޫއޭއީ) އިލްތިމާސްކުރައްވާފައެވެ.
ފެބުރުވަރީ 28 ގައި ހަނގުރާމަ ފެށި ފަހުން އީރާނާއި ޔޫއޭއީގެ އިސްވެރިން އެއް މާލަމަކުން ބައްދަލުވި ފުރަތަމަ ފަހަރު ކަމުގައިވާ މި ބައްދަލުވުމުގައި، އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި ޔޫއޭއީން ސީދާ ގޮތުގައި ބައިވެރިވެފައިވާ ކަމުގައި ޢަރާޤިޖީ ވަނީ ތުހުމަތު ކުރައްވާފައެވެ. ޔަހޫދީންނާއި އެމެރިކާގެ ޢުދުވާންތަކަށް ރައްދު ދިނުމުގެ ގޮތުން ތެހްރާނުން ވަނީ ޔޫއޭއީ ހިމެނޭ ގޮތުގައި ގަލްފް ޢަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށް ޙަމަލާދީފައެވެ. ނަމަވެސް، ޢަރާޤިޖީގެ ތުހުމަތުތަކަށް ޔޫއޭއީން ނުވަތަ ބައްދަލުވުމުގެ އެހެން ބައިވެރިއަކު ވެސް ރައްދު ދީފައިވާ ކަން ސާފެއް ނޫނެވެ.
އިންޑިޔާއިން ރިޔާސަތު ބަލަހައްޓާ މި ބައްދަލުވުމުގައި، ހަނގުރާމައާ ގުޅިގެން ޚިޔާލުތަފާތުވުން ބޮޑު އީރާނާއި، ސަޢޫދީ ޢަރަބިއްޔާ އަދި ޔޫއޭއީ ބައިވެރިވާއިރު، އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމަނިޔަމް ޖައިޝަންކަރު ވިދާޅުވީ ބައްދަލުވުން މި ބޭއްވެނީ ބައިނަލްއަޤުވާމީ ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި ކަމުގައެވެ. ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަމުގެ ސަބަބުން ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކުން އިންޑިޔާގެ އިޤުތިޞާދަށް ވަނީ ފިއްތުންތައް ކުރިމަތިވެފައެވެ. އެ ޤައުމުން ބޭނުންކުރާ ސާފުނުކުރާ ތެލުގެ ދެބައިކުޅައެއްބައި އެތެރެކުރަނީ، ދުނިޔޭގެ ތެލުގެ 20 އިންސައްތަ އުފުލާ މި ކަނޑުއޮޅިންނެވެ.
މޭ 13 ވަނަ ދުވަހު ޢުމާން ކައިރިން އިންޑިޔާގެ އާގުބޯޓަކަށް ދިން ޙަމަލާއެއް ފާހަގަކޮށް، އިންޑިޔާގެ ޚާރިޖީ ވުޒާރާއިން އެ ކަން ކުށްވެރިކޮށްފައިވާއިރު، ޢަރާޤިޖީ ވިދާޅުވީ ހުރްމުޒް ކަނޑުއޮޅިއަކީ އީރާނުގެ އަސްކަރިއްޔާއަށް އެއްބާރުލުންދޭ ހުރިހާ ވިޔަފާރި އުޅަނދުފަހަރަށް ހުޅުވައިލެވިފައިވާ މަގެއް ކަމުގައެވެ. ބްރިކްސްގެ މެންބަރު ޤައުމުތަކުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އޮތުމުން، ބައްދަލުވުމަށް ފަހު ގުޅިފައިވާ ބަޔާނެއް ނެރެދާނެކަމާމެދު ސުވާލު އުފެދިފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ، ބައްދަލުވުމުގެ ހަވާސާގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ، ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާނެ ކަމުގައެވެ.